ޚަބަރު

ތިލަފުއްޓަށް ޕޯޓް: ބައެއް ޚިދުމަތްތައް މާލެ އިންޑަސްޓްރިއަލް ވިލެޖުން


  • ޕޯޓް އޮޕަރޭޝަނުގެ %80 ކުރިއަށް ގެންދާނީ ތިލަފުށީގައި

  • ބާކީ ޚިދުމަތްތައް ދޭނީ ތިލަމާލެ ބްރިޖާއި ގުޅޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި

  • ޕޯޓް ބަދަލުވުމުން އިޤްތިޞާދު އެތައް ގުނައަކުން ފުޅާވާނެ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ފޯރުކޮށްދޭ ގޮތަށް ކަންކަން އިންތިޒާމުވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ބޭނުން ކުރަން ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރު ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ އިޤްތިޞާދު އެހެން މަރުހަލާއަކަށް ގެންދިއުމަށް އޮތް އެންމެ މުހިންމު ފިޔަވަޅުކަމަށެވެ. އެމަނިކުފާނު ވަނީ ކަނޑައެޅިފައިވާ ތާވާލާއި އެއްގޮތަށް މިމަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ގިނަ މަސައްކަތްތަކެއް ބަނދަރު ބަދަލުކުރުމުގެ ތެރެއިން ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އެކު ޖާގަ ތަނަވެސް މިހާރު މުދާ ބަރުކުރުމާއި ބޭލުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅޭގޮތުން ބައެއް ބޭފުޅުން ތިލަފުށިން އެކަނި ކުރެވޭނެ ގޮތަކާއި މެދު ސުވާލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރާއިރު މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލު ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕޯޓުގެ ބައެއް ޚިދުމަތްތައް މިހާރު ތިލަމާލެ ބްރިޖު ގުޅޭ ސަރަހައްދުގައި ޤާއިމްކޮށް ޓީޖެޓީއާއި ގުޅުވައި، އެ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތިލަފުއްޓައް މި ބަދަލުވަނީ މުޅި އޮޕަރޭޝަންގެ ބޮޑުބައި. ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ބަދަލުވާނެ. ދެން މާލެ ކޮޅު ބްރިޖް ގޮސް ނިމެނީ އިންޑަސްޓްރިއަލް ވިލެޖަށް. ދެން އިންޑަސްޓްރިއަލް ވިލެޖުގެ އެއް ބައި މިކަނޑައަޅަނީ ޕޯޓުގެ ދެން ހުރި މަސައްކަތްތަކަށް. އެހެންވީމަ މިހާރު މާލޭ ޕޯޓުގައި މިހިނގާ ބައެއް ކަންކަމަކީ އިންޑަސްޓްރިއަލް ވިލެޖުގައި، ޓީޖެޓީއާއި މި ސަރަހައްދުގައި ޕްލޭން ކުރެވިގެން ހަމަޖެހިގެންދާނެ. އެހެންވީމަ މާލޭގެ އެފަރާތުން ހުރިހާ ކަމެއް ހަމަޖެހިގެން ދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، މިހާރު ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި ހުރިހާ ކަމެއްވެސް ކުރާނީ އިންޑަސްޓްރިއަލް ވިލެޖު އަދި ތިލަފަށީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ އިންތިޒާމުތައް ހަމަޖައްސަމުންދަނީ ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށި ކަމުގައިވިއަސް ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭ ގޮތަށް ކަމަށާއި، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީ (ރޯލް އޮން-ރޯލް އޮފް ފެރީ) ޚިދުމަތްވެސް ދޭ ގޮތަށް އޮޕަރޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށީގައި އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް އަމިއްލަ ވިޔަފާރިތަކަށްވެސް ލުއިތަކެއް ދޭނެ ކަމަށެވެ.

ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ބަދަލުކުރާއިރު، މުޅި އޮޕަރޭޝަން ކުރިއަށްދާނީ ޑިޖިޓަލައިޒް ކުރެވިގެން ކަމަށާއި މިކަމުން ރައްޔިތުންގެ ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ބެކްބޯން އެއްކޮށް ޑިޖިޓަލައިޒް އޮޓޮމޭޝަން ވަރަށް ބޮޑަށް ގެންގުޅޭނެ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ އެފިޝެންސީ އެޗީވް ވާނެ. އިރާދަކުރެއްވިއްޔާ ވަރަށް ވަގުތު ސަލާމަތް ކުރެވޭނެ. މިފަދަ އެތައް ކަމެއް ކުރެވޭނެ. އެހެންވީމަ ސްޓޭޓް އޮފް ދަ އާޓް މޮޑަން ޕޯޓެއް ޤާއިމް ކުރެވި ވަސީލަތާއި ޚިދުމަތުގެ ގޮތުން ފުރިހަމަ ތަނަކަށްވީމަ ތަކެތީގެ އަގު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވެ ރާއްޖޭގެ އިޤްތިޞާދު އެތައް ގުނައަކުން ފުޅާވެގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް، މަގަތުފާލަން ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާއި ހަވާލުކުރެވިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ތިލަފުށީ ބަނދަރު ހަދާ ސަރަހައްދަކީ މިހާރުގެ ބަނދަރަށް ވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީކުރާ ބަނދަރެކެވެ. މިހާރު މާލެ ވިޔަފާރި ބަނދަރުގައި ބޭނުން ކުރާ މަގަތުފާލަމަށްވުރެ ތިލަފުށީގައި ތަރައްޤީ ކުރާ މަގަތުފާލަން 3 ގުނަ ދިގު ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.