ޚަބަރު

އަނިޔާގެ ސަބަބުން ވިމްބަލްޑަންގައި އަލްކަރާޒް ނުކުޅޭނެ


ކުރިއަށް އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުގައި ސްޕެއިންގެ ކާލޮސް އަލްކަރާޒް ނުކުޅޭނެ ކަމަށް އޭނާ ބުނެފި އެވެ.

ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އަލްކަރާޒް ބުނެފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވިމްބަލްޑަންގައި ވާދަނުކުރާނެ ކަމަށާއި އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ އަނިޔާއިން އެއްކޮށް ރަގަޅުވުމަށް ކަމަށެވެ.

ނިމިގެންދިޔަ ފްރެންޗް އޯޕަންގެ ވަކި ހިސާބަކުން ލިބުނު އަނިޔާއާއިއެކު އެ މުބާރާތުންވެސް ވަކިވެފައިވާ އަލްކަރާޒް ބުނެފައިވަނީ ރިކަވަރީ ރަގަޅަށް ދިޔަ ނަމަވެސް އެ ފެންވަރުގެ މެޗުތަކަށް އޭނާ އަދި ފިޓު ނޫން ކަމަށެވެ.

"އަހަރެންގެ ރިކަވަރީ ދަނީ ވަރަށް ރަގަޅަށް ނަމަވެސް މިފަދަ މުބާރާތެއްގެ މެޗުތަކަށް އަހަރެން އަދި އެއްކޮށް ފިޓެއް ނޫން." އަލްކަރާޒްގެ ސޯޝަލް މީޑިޔާ އެކައުންޓުގައި ބުންޏެވެ.

އުމުރުން 23 އަހަރުގެ އަލްކަރާޒް ވަނީ ހަތް ފަހަރު މަތިން ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފަ އެވެ.

އަލްކަރާޒް ވަނީ މި ސީޒަން ފެށިއިރު ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. އެގޮތުން އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވީ ނަމަވެސް އަނިޔާގެ ސަބަބުން ގްރޭންޑް ސްލޭމް ދެ މުބާރާތް އޭނާއަށް ގެއްލޭނެ އެވެ.