ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އަސްކަރީ އެންމެ މަތީވެރިޔާ ޝަހީދުކޮށްލައިފިއެވެ.
ޙަމާސުން ބުނީ، އެ ޖަމާޢަތުގެ އަސްކަރީ ގޮފީގެ އެންމެ މަތީ ވެރިޔާ، ޢިއްޒުއްދީން އަލް-ޙައްދާދީ ޝަހީދުކޮށްލާފައިވަނީ، މިދިޔަ ހުކުރު ދުވަހު ޣައްޒާއަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ކަމަށެވެ.
ޙަމާސްގެ ދިފާޢީ ޙަރަކާތްތައް ހިންގުމުގައި އެންމެ އިސް ދަޢުރެއް އަދާކުރައްވާ، ޙައްދާދީ ޝަހީދުކޮށްލާފައިވާއިރު، އެ ޙަމަލާގައި އޭނާގެ އަނބިކަނބަލުންނާއި އުމުރުން 19 އަހަރުގެ އަންހެން ދަރިކަލުން ވެސް ޝަހީދުވެފައިވާ ކަމަށެވެ.
ޣައްޒާގައި މިދިޔަ ހޮނިހިރު ވަނީ ޙައްދާދީގެ ޖަނާޒާ ބާއްވައިފައެވެ. އެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ.
ޙައްދާދީ ޝަހީދުކޮށްލާފައިވަނީ، މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ޔަހޫދީން ދިން ނިރުބަވެރި ވައިގެ ޙަމަލާއެއްގައެވެ. ހުކުރު ދުވަހު ޣައްޒާގެ ދެ ސަރަޙައްދަކަށް ދިން ވައިގެ ޙަމަލާތަކުގައި ޙައްދާދީގެ އިތުރުން ހަތް މީހަކު ވަނީ ޝަހީދުވެފައެވެ.
އޭގެތެރޭގައި، ތިން އަންހެނުންނާއި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ޞަހްޔޫނީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ޙަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލި ފަހުން، ޙިޞާރުކޮށް އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތައް އާދަޔާޚިލާފަށް އިތުރުކޮށް، ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.
ޣައްޒާ ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމުގައި އޮކްޓޫބަރު މަހު ޔަހޫދީން ބުނި ނަމަވެސް، އެ ސަހަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއް އަދިވެސް އޮތީ ޔަހޫދީ ފައުޖުގެ ހައްދުފަހަނައެޅި ސިފައިންގެ ބާރުގެ ދަށުގައެވެ. އަދި، އެ ބިންތަކުގައި ހުރި ފަލަސްޠީނުގެ ރައްޔިތުންގެ ގޮދާއި އިމާރާތްތައް ޔަހޫދީ ސިފައިން ދަނީ ސުންނާފަތިކޮށް، ބިމާ ހަމަކުރަމުންނެވެ.
އެމެރިކާއާއި ޤަޠަރު މެދުވެރިވެގެން ވީ އެއްބަސްވުމުގެ ދަށުން ޔަހޫދީ ފައުޖުން ދެމުންދިޔަ ޙަމަލާތަކުގެ ބޮޑު ބައެއް މަޑުޖައްސައިލާފައިވީ ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް ޣައްޒާއިން 850 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.