ނައިފަރު ކައުންސިލު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުން މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޖީޖީ ސްޕޯރޓްސް ޖާގަ ހޯދައިފިއެވެ.
ޖީޖީ ފައިނަލުގެ ޖާގަ ޔަގީންކުރީ ލީގު ބުރުގައި އެޓީމްގެ ފަހު މެޗުގައި އެޕެކްސް ސްޕޯރޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ޖީޖީން ގެންދިޔައީ 25-07, 25-17 އަދި 25-24 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޖީޖީ އަށް ކުޅޭ ނޭޕާލު ގައުމީ ޓީމްގެ އުޝާ ބަންޑާރީ އެވެ.
ފައިނަލުގައި ޖީޖީ ވާދަކުރަން ޖެހޭނީ ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބާއެވެ. ޖީޖީ އަށްވުރެ ކުރިން ނައިފަރު ޗެލްސީ ވަނީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައެވެ. އެއީ ލީގު ބުރުގައި އެޓީމަށް އަދި ބާކީ އެއް މެޗު އޮއްވާ މިހާތަނަށް ކުޅުނު ތިން މެޗު ކާމިޔާބުކޮށްގެންނެވެ. ލީގު ބުރުގައި ނައިފަރު ޗެލްސީން ވަނީ ޖީޖީ ބަލިކޮށްފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުގެ ސީދާ ޖާގަ ހޯދީ ބަޒޫކާ ސްޕޯރޓްސް ކްލަބެވެ. މުބާރާތުގެ ފޯމެޓް އޮތީ ލީގު ބުރުގެ އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގަ ލިބޭގޮތަށެވެ. ބަޒޫކާ އިން ވަނީ ލީގު ބުރުގައި ތިން މެޗުވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ސެމީފައިނަލުގައި މިރޭ ނައިފަރު ޗެލްސީ އާއި ޖީޖީ ސްޕޯރޓްސް ވާދަކޮށް މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ. އަދި ފިރިހެން ޑިވިޝަންގެ ފައިނަލު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ.