ޚަބަރު

ޑައިވަރުން ހޯދުމުގެ މަސައްކަތް ޚާއްޞަ އިސްކަމެއްދީގެންދަނީ ކުރަމުން: ރައީސް


  • ވ.އަތޮޅުގައި ފީނަން ގޮސް އުޅެނިކޮށް ގެއްލިފައިވަނީ އިޓަލީގެ 5 ރައްޔިތުން

  • އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ވަނީ ފެނިފައި

  • ޑައިވަރުންގެ ހޯދުމަށް ސިފައިންގެ ޚާއްޞަ އޮޕަރޭޝަނެއް ދަނީ ހިންގަމުން

ވ. އަތޮޅުގައި ފީނަންގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީވިލާގެ ރައްޔިތުން ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއްދެއްވައިގެން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ވ.އަތޮޅުގައި ފީނަން ގޮސްއުޅެނިކޮށް އިޓަލީވިލާތުގެ 5 މީހަކު ގެއްލުނު ޙާދިސާގައި އިޓަލީގެ ސަރުކާރަށާއި އިޓަލީ ރައްޔިތުންނާއި އެޙާދިސާގައި ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.

އިޓަލީގެ ރައްޔިތުންތަކެއް، ވ. އަތޮޅުގައި ފީނަންގޮސް އުޅެނިކޮށް ހިނގި ޙާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިޓަލީގެ ރައީސް ސަރޖިއޯ މަޓަރެއްލާއާއި އިޓަލީ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައެވެ. އަދި މިޙާދިސާގެ އަޑުއެއްސެވީ ފުންހިތާމައާއެކުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހީންގެ ހެޔޮދުޢާ ގެއްލިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާއާއެކުގައިވާކަމަށެވެ.


ގެއްލިގެން ހޯދަމުން އަންނަ އިޓަލީގެ 4 ރައްޔިތުން ހޯދުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނަކީ ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އޮޕަރޭޝަނެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި އިޓަލީ ސަރުކާރުގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށް ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާވަނީ އިޓަލީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ވ.އަތޮޅުގައި ފީނުމަށް ޚާއްސަ ސަރަޙައްދެއްގައި ފީނަން ގޮސްއުޅެނިކޮށް ގެއްލިފައިވަނީ އިޓަލީގެ 5 ރައްޔިތުންނެވެ. މިހާތަނަށް އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު އަނެއް 4 މީހުން ހޯދުމަށް އެމްއެންޑީއެފްގެ ރެސްކިއު ޓީމުންދަނީ ހަރަކާތްތެރިވަމުންނެވެ.