ޚަބަރު

ފުރަތަމަ މެޗުން ބަލިވެ، މުޙްޔިއްދީނަށް އަމިއްލަބާރު ގެއްލިއްޖެ


  • ޣިޔާސުއްދީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިން

  • މިއާއެކު މުޙްޔިއްދީނަށް މިވަނީ އަމިއްލަ ބާރު ގެއްލިފައި

މިހާރު ކުރިއަށްދާ "ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މުޙްޔިއްދީން ސްކޫލާއި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ބައްދަލުކުރި މެޗުން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމަށް މުޙްޔިއްދީނަށް އަމިއްލަ ބާރުގެއްލިއްޖެއެވެ.

މާފަންނު 1 ނަންބަރު ޓަރފްގައި ކުޅުނު މިމެޗުން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. މުބާރާތުގެ ކޮންމެ ގުރޫޕެއްގައި 3 ޓީމު ހިމެނޭއިރު، ކޮންމެ ޓީމަކުންވެސް 2 މެޗު ކުޅޭނެއެވެ. އަދި، މުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ޓީމެކެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޣިޔާސުއްދީނުން ކާމިޔާބުކުރި 2 ގޯލުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ގޯލު ފެނިގެންގޮސްފައި ވަނީ، ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ، 22 ވަނަ މިނެޓުގައެވެ. އަދި ޣިޔާސުއްދީނުގެ 2 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ އޭގެ އެންމެ 3 މިނެޓު ފަހުން، މެޗުގެ 25 ވަނަ މިނެޓުގައެވެ. މިމުބާރާތުގައ ކޮންމެ ހާފެއްގައި ކުޅޭނީ 20 މިނެޓެވެ.

މި ނަތީޖާއާއެކު މުޙްޔިއްދީން ސްކޫލަށް މިވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ. މުޙްޔިއްދީނަށް މުބާރާތުގައި ދެން ކުރިއަށް ދެވޭނީ، ޣިޔާސުއްދީނުގެ ދެވަނަ މެޗުގައި އެޓީމު މަޖީދިއްޔާ ސްކޫލް އަތުން ބަލިވެ، މުޙްޔިއްދީން ސްކޫލުގެ ދެވަނަ މެޗުގައި މަޖީދިއްޔާ އަތުން މޮޅުވެގެންނެވެ.

"ރާއްޖެ ޖޫނިއަރ" 17 އަހަރުން ދަށުގެ މުބާރާތުންވެސް މުޙްޔިއްދީން ސްކޫލުގެ ޓީމު ވަނީ ގުރޫޕް ސްޓޭޖުން ލިބުނު އެންމެ ޕޮއިންޓަކާއެކު މުބާރާތުން ކަޓާފައެވެ.