އިޓަލީގައި މިހާރު ކުރިއަށްދާ ރޯމް އޯޕަން ޓެނިސް މުބާރާތުން ސަރބިޔާގެ ނޮވަކް ޖޮކޮވިޗް ބަލިވެ މުބާރާތުގެ ދެވަނަ ބުރުން ކަޓައިފި އެވެ.
ހަ ފަހަރު މަތިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް މި އަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ކްރޮއޭޝިޔާގެ ކޮލިފަޔަރ ޑިނޯ ޕްރިޒްމިޗް އާއި ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 2-6 ގެ ނަތީޖާއަކުން ޖޮކޮވިޗް ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓާއި ތިންވަނަ ސެޓުގައި ޕްރިޒްމިޗް ވަނީ މޮޅު ކުޅުމެއް ދައްކާ 6-2 އަދި 6-4 ގެ ނަތީޖާއަކުން މި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ.
މިދިޔަ މާޗް މަހަށްފަހު ޖޮކޮވިޗް ކުޅުނު ފުރަތަމަ މެޗުން އޭނާ ބަލިވިއިރު މިއީ ރޯމް މާސްޓަރސްގައި އޭނާ މިހާތަކަށް ކުޅުނު 19 މެޗުގެ ތެރެއިން މުބާރާތުގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ރޭންކިންގެ 79 ވަނައިގައި މިވަގުތު ހުރީ ޕްރިޒްމިޗް މެޗަށްފަހު ބުނެފައިވަނީ ޖޮކޮވިޗް އަކީ އޭނާގެ އައިޑޮލް ކަމަށާއި މެޗަށް ނިކުތްއިރުވެސް މިއީ އޭނާއަށް ވަރަށް ޚާއްސަ މެޗެއް ކަމަށެވެ.
މި މުބާރާތުގައި ހަތަރުވަނައަށް ސީޑު ކޮށްފައިވާ ޖޮކޮވިޗް އޭނާގެ ކެރިއަރގެ 25 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ދެން އެންމެ އަވަހަށް އޭނާ ވާދަކުރާނީ މި މަހުގެ 24 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގަ އެވެ.