އެކުވެރި ޢަރަބި އިމާރާތް، ޔޫއޭއީގެ ވައިގެ ދަތުރުފަތުރު އާންމު ޙާލަތަށް އައިސްފައިވާ ކަމަށް އެ ޤައުމުގެ އޭވިއޭޝަން އޮތޯރިޓީ, ޖީސީއޭއޭއިން ބުނެފިއެވެ.
ޔޫއޭއީގެ ވައިގެ ދަތުރުފަތުރަށް ހުރަސްއެޅުނީ އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ޔޫއޭއީ ހިމެނޭ ގޮތަށް ގަލްފުގެ ގިނަ ޤައުމުތަކަކުން ވަނީ ވައިގެ ސަރަޙައްދުތައް ބަންދުކޮށް، ފްލައިޓުތައް ރީރޫޓުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
ޔޫއޭއީއިން ވައިގެ ސަރަޙައްދު ބަންދުކުރުމާއެކު އެ ޤައުމުގެ މަތިން މަތިންދާބޯޓު ދަތުރުކުރުން އެއްކޮށް ހުއްޓުމަކަށް އައެވެ. ހަމަ އެއާއެކު ދުބާއީއާއި އަބޫ ދާބީގައި ހުރި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ވައިގެ ބަނދަރުތައް ވެސް ހުއްޓުމަކަށް އައެވެ. ހަނގުރާމައިގެ ކުރިން މި މަގުތަކުން އެމިރޭޓްސްއާއި ޤަތަރު އެއާވޭސްއާއި އިއްތިޙާދު ފަދަ އެއާލައިންތައް މެދުވެރިކޮށް ދުވާލަކު 90،000އަށްވުރެ ގިނަ ފަސިންޖަރުން ދިޔައީ ދަތުރުކުރަމުންނެވެ. ވައިގެ ސަރަޙައްދުތައް ބަންދުކުރުމާ އެކު މެދުއިރުމަތީގެ އެއާލައިންތަކުން ކުރުމަށް ތާވަލްކޮށްފައި އޮތް 1،800އަށްވުރެ ގިނަ ދަތުރު ވެސް ކެންސަލްވިއެވެ.
ހަނގުރާމައިގައި ޙަމަލާ ބަދަލުކުރަމުން ދިޔަ އިރު ޔޫއޭއީގެ ދެ ވައިގެ ބަނދަރަކަށް ޙަމަލާތަކެއް އަމާޒުވެފައިވެއެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުވި ޙަމަލާގައި ހަތަރު މީހުންނަށް ޒަޚަމްވެފައިވެއެވެ. އަދި އަބޫ ދާބީގައި ހުންނަ ޒަޔެދް އިންޓަނޭޝަނަލް އެއާޕޯޓްއަށް އަމާޒުވި ޙަމަލާގައި އެކަކު މަރުވެ ހަތް މީހުންނަށް ޒަޚަމްވެފައިވެއެވެ.
ޖީސީއޭއޭއިން ބުނީ ހަނގުރާމައާ ގުޅިގެން އަޅާފައިވާ ވަގުތީ ސަލާމަތީ ފިޔަވަޅުތައް
މިހާރު އުވާލާފައިވާ ކަމަށެވެ. ޖީސީއޭއޭއިން އެ ގޮތަށް ނިންމީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އޮޕަރޭޝަނަލް އަދި ސަލާމަތީ ޙާލަތު ވަޒަންކުރުމަށް ފަހުގައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އޭވިއޭޝަން ސޭފްޓީގެ އެންމެ މަތީ ޙާލަތު އޮތް ކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ބަލަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޖީސީއޭއޭއިން ވަނީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުން ފާހަގަކޮށް އެ ކަމަށް ޝުކުރު ޢަދާކޮށްފައެވެ. އަދި ޙާލަތަށް ބަދަލެއް އަތުވެދާނެ ކަމަށް އެ އިދާރާގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތަކުން ތައްޔާރީ ޙާލަތުގައި އޮތް ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.