ރާއްޖޭގައި މުޅިން އަލަށް ބޮޑީ ބޯޑިންގެ އަންހެން ގައުމީ ޓީމެއް އުފެދެމުން އަންނަ ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ އަދި ބޮޑީބޯޑިންގެ ތާރީޚުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ގައުމީ ބޮޑީބޯޑީން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ޗެލެންޖް 2026 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ރާފިޢު ވިދާޅުވީ މިއަހަރުގެ ބޮޑީ ބޯޑިން ލީގު ފެށިގެން މިދިޔައީ ވަރަށް ޚާއްސަ މުބާރާތަކުން ކަމަށެވެ. އެއީ މިކުޅިވަރުގެ ދިގު ތާރީޚުގައި ބޮޑީ ބޯޑިން މުބާރާތެއްގައި ޖޫނިއަރ އަންހެން ކެޓަގަރީ ހިމެނި ހުނަރުވެރި އަންހެން އެތުލީޓުން ފެނިގެން ދިއުން ކަމަށެވެ.
"މީ ތެދެއްމެ ހަމަ އަޅުގަނޑުމެންނަށް ވަރަށް ފާހަގަކުރެވޭ ވަރަށް މުހިންމު މުބާރާތެއް ނިމިގެން މިދިޔައީ، ބުރުނު ޝިކާރު. މީ ކުރީގައިވެސް އަންހެން ބޭފުޅުން ބައިވެރިވޭ، އެހެންނަމަވެސް މިފަހަރު އިރާދަކުރެއްވިއްޔާ އަލަށް އަޅުގަނޑުމެންނަށް ޓީމެއްގެ ގޮތުގައި، އަންހެން ޓީމެއް ފޯމުވެގެން މިދަނީ. އަޅުގަނޑުމެންގެ އުންމީދަކީ އަންނަ އަހަރަކީ މި ނޭޝަނަލް ޓީމު ފޯމުވެގެން ސަރުކާރުން އެކަން ރިކޮގްނައިޒްކޮށް އަންހެން ޓީމަށް ދޭން ޖެހޭ އަހަންމިއްޔަތުކަން އަޅުގަނޑުމެންނަށް ދެވިގެންދާނެ" ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރު ވަޒީރު ވިދާޅުވީ ރަސްމީކޮށް އަންހެން ކުދިންގެ ޓީމެއް މި މުބާރާތުގައި ބައިވެރިކުރި ފުރަތަމަ ފަހަރަށްވުމުގެ އިތުރުން މި މުބާރާތް ޚާއްސަވެގެން ދާ އެހެން ސަބަބުތަކެއްވެސް ހިމެނޭ ކަމަށެވެ.
"އަދިވެސް ޚާއްސަވެގެންދާ އަނެއް ކަމަކީ މީ ފުރަތަމަ ފަހަރަށް ޖޫނިއާ ކެޓަގަރީން އޮފިޝަލީ ބައިވެރިވެގެން ކުރިޔަށް ގެންދެވުނު މުބާރާތް މީ. އެހެންވީމަ ގާތްގަނޑަކަށް ފާއިތުވި 15 ވަރަކަށް އަހަރުތެރޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އަންހެން ކެޓަގަރީން ބައިވެރިވެގެން މި މުބާރާތް ވަރަށް ފުރިހަމަ ކަމާއެކު ކާމިޔާބުކޮށްގެން މި ނިމުނީ" ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މި ދެކަންތަކުންވެސް ހާމަވެގެންދަނީ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނާއި އެއްގޮތަށް މިފަދަ މުބާރާތްތަކާއި ތަމްރީންތަކުގައި ހަގު ކުދިން ބައިވެރިވާ މަންޒަރުކަމަށެވެ.