ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 16 މެއި 2026 ވާ ހޮނިހިރު ދުވަހުގެ 21:00 ގައި ޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސް، ފޭދޫ ހޯލްގައެވެ. އަދި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވައެވެ.
މި ޖަލްސާގައި މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ރިޕޯޓާއި، ކުންފުނީގެ މަސައްކަތްތަކާއި ބެހޭގޮތުން ޑިރެކްޓަރުންގެ ބޯޑުން އެކުލަވާލާފައިވާ މާލީ ރިޕޯޓުތަކާއި، ތަފާސް ހިސާބުތަކުގެ ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުން އޮންނާނެއެވެ. މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލުމާއި، ޑިރެކްޓަރުންގެ ބޯޑުން ބެހުމަށް ނިންމާފައިވާ ހިއްސާގެ ފައިދާ ބަހަން ފާސްކުރުން އޮންނާނެއެވެ.
ހިއްސާގެ ފައިދާ ލިބޭނީ، މިއަހަރުގެ އެޕްރީލް މަހުގެ 27ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، 30 އޭޕްރީލް 2026 ވީ ބުރާސްފަތި ދުވަހު އެ ކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކޮށްފައެވެ. އެގޮތުން ޕަބްލިޝް ކޮށްފައިވާ އެއްވެސް މަޢުލޫމާތަކާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ، ހިއްސާދާރުންގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުމަށް ވަނީ އަންގާފައެވެ.
އަދި ކުރިޔަށް އޮތް ދައުރަށް، ސަރުކާރުން އައްޔަން ކުރާ 6 މެންބަރުންނާއި، ޕަބްލިކް ޙިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށްޓަކައި، ނަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ ޖަނަވަރީ މަހުން ފެށިގެން ފެބްރުއަރީ 25 ވަނަ ދުވަހާއި ހަމަޔަށް ވަނީ ދީފައެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލު ކުރާ ޑިރެކްޓަރުންނަށް ބަދަލެއް ނުގެންނަވާ ކަމަށް މިދިޔަ އަހަރުގެ މާރިޗު މަހުގެ 25 ވަނަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެސްޓީއޯއަށް ވަނީ އަންގަވާފައެވެ. ނަމަވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ޙިއްސާދާރުންގެ ފަރާތުން ދެ ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އެހެންކަމުން މި ޖަލްސާގައި އެކަމަށް ވޯޓުލުން ކުރިޔަށްދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއްވައެވެ.
މީގެއިތުރުން އަންނަ އަހަރަށް ޢައްޔަން ކުރާ ކުންފުނީގެ އޮޑިޓަރުން ހޮވައި، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، އަލަށް އެކުލަވާލި ރާއްޖޭގެ ކުންފުނީގެ ޤާނޫނާއި ގުޅިގެން ކުންފުނީގެ ހިންގާ ޤަވާއިދަށް މިވަގުތަށް ގެންނަން ހުށަހަޅާ އިސްލާޙުތައް ގެނައުމަށް ފާސްކުރުންވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 85 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް، ޖަލްސާއަށް ހުށަހަޅަންވަނީ ނިންމާފައެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 85 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެއެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 85 ރުފިޔާ ބަހަން ނިންމާފައިވާއިރު، މިއީ އެކުންފުނިން ފާއިތުވި 18 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ. ފާއިތުވި 2024 ވަނަ އަހަރު ހިއްސާގެ ގޮތުގައި އެކުންފުނިން ބަހާފައިވަނީ، 80 ރުފިޔާއެވެ.