ކުޅިވަރު

ވޯލްޑް ކަޕް: ފީފާއިން ބުނީ މޮޓޯކޭޑް ސެކިއުރިޓީއަށް ނޭދޭ ކަމަށް


ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާ އެއް ގައުމު ކެނެޑާގައި ބާއްވާ ފީފާ ކޮންގްރެސްގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް މޮޓޯކޭޑްގައި ސެކިއުރިޓީ ދިނުމަށް ކެނެޑާގައި އެދިފައި ނުވާ ކަމަށް ފީފާއިން ބުނެފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމާއަތުގެ ސްޕޯކްސް މިގޮތަށް ވިދާޅުވީ ފީފާގެ ރައީސަށް މޮޓޯކޭޑް ސެކިއުރިޓީ ދިނުމަށް އެ ޖަމާއަތުން ހުށަހެޅުމުން ކެނެޑާ ސަރުކާރުން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށް ވާހަކަ ދެކެވެމުން ފެށުމުންނެވެ.

މިކަމާ ގުޅިގެން ކެނެޑާ ސަރުކާރުން އެންމެ ފުރަތަމަ ބުނީ ފީފާގެ ރައީސަކީ ބައިނަލް އަގްވާމީ ލީޑަރުންނަށް އެ ގައުމުގެ ފުލުހުން އެސްކޯޓްކޮށްގެން ދޭ މޮޓޯކޭޑް ސެކިއުރިޓީ ދިނުމަށް ހަމަޖައްސާފައިވާ ކެޓަގަރީ އަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.

"ފީފާގެ ވެރިން އިންޓަނޭޝަނަލް ޕްރޮޓެކްޓަޑް ޕާސަން ކެޓަގަރީ އަކަށް ނުފެތޭ. މި ކެޓަގަރީ އަކީ ޕޮލިސް ކާރު އެސްކޯޓްކޮށްގެން މަގުތައް ބަންދުކޮށްގެން، ތްރެފިކް ޑިވައިސްތައް ބޭނުންކޮށްގެން އަދި އެނޫން ވެސް ސަލާމަތީ ރައްކާތެރިކަމުގެ ވަސީލަތްތަކާއެކު ސެކިއުރިޓީ ދޭ ކެޓަގަރީ އެއް. މިހެންވެ (ފީފާގެ) މި ހުށަހެޅުން ވަނީ ގަބޫލު ނުކޮށްފައި. މި ކެޓަގަރީ އަކީ ގައުމުތަކުގެ ވެރިންނަށް ކަނޑައަޅާފައިވާ ކެޓަގަރީއެއް" ކެނެޑާ ވެންކޫވާގެ ޕޮލިސް ޑިޕާޓްމަންޓުން ބުންޏެވެ.

މިއާއެކު ފީފާއިން ބުނީ ކެނެޑާގެ ވެންކޫވާގައި ބާއްވާ ކޮންގްރެންސްއާ ދިމާކޮށް މިފަދަ ސެކިއުރުޓީއަކަށް އެދިފައި ނުވާނެ ކަމަށެވެ.

ކެނެޑާ އަކީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމެވެ. އަނެއް ދެ ގައުމަކީ އެމެރިކާ އާއި މެކްސިކޯ އެވެ. ފީފާގެ ރައީސްގެ ސެކިއުރިޓީގެ މައްސަލަ ފެންމަތިވިއިރު ކެނެޑާއިން އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަށް ވިސާ ދިނުމަށްފަހު ވިސާ ކެންސަލް ކުރުމުން އިރާނުގެ ވަފުދު ވަނީ ކޮންގްރެންސްގައި ބައިވެރިނުވެ އެނބުރި ގައުމަށް ގޮސްފަ އެވެ. އިރާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ ވިސާ ކެންސަލް ކުރީ ކެނެޑާ އަށް ވަޑައިގެން އެއާޕޯޓުގައި ހުންނަވަނިކޮށެވެ.