ޚަބަރު

އެމެރިކާގެ ޙިޞާރާއެކު އީރާނުގެ ތެޔޮ އުފެއްދުން ހުއްޓުމަކަށް އަތުވެދާނެ


އެޕްރީލު 13 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާނުގެ ބަނދަރުތައް ޙިޞާރުކުރުމާ ގުޅިގެން، އެ ޤައުމުގެ ތެޔޮ ރައްކާކުރާނެ ޖާގަ ހުސްވެ، އުފެއްދުންތެރިކަން މަދުކުރަން މަޖުބޫރުވެދާނެ ކަމުގައި މާހިރުން އިންޒާރު ކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ޙިޞާރު ދެމިއޮވެއްޖެނަމަ ކުރިއަށް އޮތް 12 ދުވަހާއި 22 ދުވަހާ ދެމެދު އީރާނުގެ ތެޔޮ ރައްކާކުރާ ތާންގީތައް މުޅިން ފުރޭނެއެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، އީރާންގެ ޚާރިޤުގައި ހުންނަ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒުގެ ޖާގަ، މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅިން ފުރޭނެކަމަށް ބެލެވޭ ކަމުގައެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށްފަހު، ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަން އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ އިޢުލާނުކޮށްފައެވެ. އީރާނުގެ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް ވިދާޅުވީ، އީރާނުގެ އެކްސްޕޯޓަށް ހުރަސްއަޅަމުން، އެހެން ފަރާތްތަކަށް ކަނޑުއޮޅީގެ ރައްކާތެރިކަން ހޯދުމުގެ ފުރުޞަތު ދެވެން ނެތް ކަމުގައެވެ. އެމެރިކާއިން އީރާނުގެ ތެޔޮ އުފުލާ އުޅަނދުފަހަރު ހިފަހައްޓަމުންދާ ދިއުމަކީ "ކަނޑުފޭރުން" ކަމުގައި އައިއާރްޖީސީން ސިފަކުރާއިރު، އެމެރިކާގެ އަމާޒަކީ އީރާނުގެ އިޤުތިޞާދީ މައިނާރަށް ހުރަސްއެޅުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ތެޔޮ އުފައްދާ ޤައުމުތައް ކަމުގައިވާ އޯޕެކްގެ މެންބަރު ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އީރާނުން އުފައްދާ ތެލުގެ %90 ބޭރުކުރަނީ ޚާރިޤު މެދުވެރިކޮށެވެ. ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި، އެޕްރީލު 13 އިން 21 އަށް އެ ރަށުގައި ތެޔޮ ރައްކާކޮށްފައި ހުރި މިންވަރު 6 މިލިޔަން ފީފާއަށްވުރެ އިތުރުވެފައިވާއިރު، ޚާރިޤުގެ ތާނގީތަކުގެ %74 މިހާރު ވަނީ ފުރިފައެވެ. މީގެ އިތުރުން، ކަނޑުމަތީގައިވާ "ފްލޯޓިންގ" ތާނގީތަކުގައި 127 މިލިޔަން ފީފާ ރައްކާކުރުގެ ޤާބިލުކަން އީރާނަށް ލިބިގެންވީ ނަމަވެސް، އުފެއްދުންތެރިކަން ދުވާލަކު 2.6 މިލިޔަން ފީފާއަށް އުފުލިފައިވާތީ ޖާގަ ހުސްވުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި މާހިރުން އިންޒާރު ކުރިއެވެ.

މާހިރުން ލަފާކުރާ ގޮތުގައި، ތާނގީތައް ފުރުމުގެ ކުރިން އީރާނުން ތެޔޮ އުފެއްދުން މަޑުމަޑުން މަދުކުރަން ފަށާނެއެވެ. މިއީ، ހަމައެކަނި މަޖުބޫރުވެގެން ކުރާ ކަމަކަށްވުރެ ބޮޑަށް، ތެޔޮ ވަޅުތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި، މަސްރަޙު ރަނގަޅުވުމުން އަލުން އުފެއްދުންތެރިކަން ފަށައިގަތުމަށް ފަސޭހައަކަށް ނިންމާ އިސްތިރާތީޖީ ނިންމުމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. ނަމަވެސް، އެމެރިކާގެ ޣައިރުޤާނޫނީ ޙިޞާރު ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމުގައި ވެސް މާހިރުން އިންޒާރު ކުރިއެވެ.