ކުޅިވަރު

ހިތްހަލާކުވެއްޖެ، ވޯލްޑް ކަޕް ނުކުޅެވޭނެ: ޒަވީ ސިމޮންސް


ނެދަލޭންޑްސްގެ މިޑްފީލްޑަރު ޒަވީ ސިމޮންސްގެ ކަކުލަށް އަނިޔާގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ނުކުޅެވޭނެ ކަމަށް ބުނެފި އެވެ.

މި ސީޒަނުގައި ޓޮޓެންހަމަށް ބަދަލުވި ކުޅުންތެރިޔާ އަށް އަނިޔާވީ ރެލިގޭޓް ނުވެ ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ އޭނާގެ ކުލަބު 1-0އިން ވުލްވުސް އަތުން މޮޅުވި މެޗުގަ އެވެ.

"އަހަރެންގެ ހިތްހަލާކު ވެއްޖެ. އަހަރެންނަށް ވޯލްޑް ކަޕް ނުކުޅެވޭނެ. އަހަރެން ދެން މަސައްކަތް ކުރާނީ މި އަނިޔާއިން މުޅިން ސަލާމަތްވާން،" ޒަވީ ސިމޮންސް ބުންޏެވެ.

އޭނާ އަށް އަނިޔާވުމަކީ ނެދަލޭންޑްސްގެ އިތުރުން ޓޮޓެންހަމަށް ވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ސަބަބަކީ 23 އަހަރުގެ ކުޅުންތެރިޔާ އަކީ މި ސީޒަނުގެ ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރަން ޖެހިފައިވާ ޓޮޓެންހަމަށް އެހާމެ މުހިންމު ކުޅުންތެރިއަކަށްވާތީ އެވެ.

އޭނާގެ ކުލަބުން ބުނީ ކުރިއަށް އޮތް ހަފުތާތަކުގައި ކަކުލުގެ އޮޕަރޭޝްން ކުރާނެ ކަމަށާއި ކުލަބުގެ ބެލުމުގެ ދަށުން ކުޅުންތެރިޔާގެ ފަރުވާގެ ކަންކަން ރަނގަޅަށް ކުރިއަސް ގެންދާނެ ކަމަށެވެ.

އަންނަ ޖޫން މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ފަށާ ވޯލްޑް ކަޕުގައި ނެދަލޭންޑްސް ހިމެނެނީ ޖަޕާނާއި ސްވިޑްން އާއި ޓިއުނީޝިއާއާއެކު އެއް ގްރޫޕެއްގަ އެވެ.