ޚަބަރު

ހުރްމުޒް ކަނޑުއޮޅީގެ މިނިވަންކަމުގެ މަޝްވަރާތަކަށް އުމާނުން ގޮވާލައިފި


އެމެރިކާ އާއި ޔަހޫދީން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ދާއިމީގޮތެއްގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ޑިޕްލޮމަސީ ނުވަތަ ސިޔާސީ މަޝްވަރާތައް އިސްކުރުމަށް އުމާނުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ.

އުމާނުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއާއެކު އުމާނުން އިސް އޮފިޝަލުން ބޭއްވި މަޝްވަރާތަކަކީ "ކާމިޔާބު" މަޝްވަރާތަކެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއާ އެކު ބޭއްވި މަޝްވަރާތަކަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީ ވިދާޅުވީ، ކަނޑުއޮޅީގެ އައްސޭރިފަށުގެ ޤައުމުތަކުގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ މުޖުތަމަޢަށް އަދާކުރަންޖެހޭ ޒިންމާތައް ބަލައިގަންނަކަމަށާ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބަނދުވެފައިވާ ފަޅުވެރިން މިނިވަންކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ދަތުރުފަތުރުގެ މިނިވަންކަން ދާއިމީގޮތެއްގައި ކަށަވަރުކުރުމަށްޓަކައި ސިޔާސީ މަޝްވަރާތަކާއި ޢަމަލީ ހައްލުތަކެއް ބޭނުންވާ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު މުސްކަޓަށް ވަޑައިގަތީ އިސްލާމްއާބާދުންނެވެ. އަރާޤްޗީ އުމާނުގެ އޮފިޝަލުންނާ ބައްދަލުކުރެއްވީ، އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި މާހައުލު ނިމުމަކަށް ގެނައުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށް، އެއްބަސްވުމަކަށް އައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ހުރްމުޒް ކަނޑުއޮޅީގެ ނުތަނަވަސްކަން އުފެދިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި ޔަހޫދީން އީރާނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. މީގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން ވަނީ ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، "ދުޝްމަން" ޤައުމުތަކުގެ ބޯޓުފަހަރު ހިފަހައްޓަން ފަށާފައެވެ. އަދި ފީ ދެއްކުމަށްފަހު އެހެން ޤައުމުތަކގެ އުޅަނދުފަހަރު މި ކަނޑުއޮޅީ ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތްކަމުގައި އީރާނުން ވަނީ ކަނޑައަޅާފައެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރު ވަނީ ކަނޑުއޮޅި ކައިރީގައި ތާށިވެފައެވެ. އޭޕްރީލް މަހުގެ ކުރީކޮޅު ވަގުތީ ސުލްޙައަކަށް އެއްބަސްވި ނަމަވެސް، މަސްލަހަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ.

އުމާނުން ބާރުއަޅަމުންދަނީ ކަނޑުދަތުރުފަތުރަށް ޚާއްސަ "ޓެކްނިކަލް ކޮރިޑޯ" އެއް ހުޅުވައި، ދަތުރުފަތުރުގެ މިނިވަންކަން ދާއިމީގޮތެއްގައި ކަށަވަރުކުރުމަށެވެ.