ޚަބަރު

ހިތްހަމަޖެހޭ ދިރުއުޅުމަކަށް ހުސްޖާގަތަކާއި ޕާކުތައް އިތުރުކުރަންޖެހޭ!


  • އާބާދީއާއި އެކަށީގެންވާ ވަރަށް ހުސް ޖާގަތަކެއް ނެތް

  • ކުޑަކުދިންނަށް ކުޅެލެވޭނެ ވަސީލަތްތައް މަދު

  • ފެހިކަން އިތުރުކުރަން ވަނީ ޖެހިފައި

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، މާލެ ސަރަޙައްދުގެ އާބާދީ 2 ލައްކައިން މައްޗަށް އަރައެވެ. އެންމެ ކުޑަ ބިމެއްގައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅުމުގެ ރެކޯޑް މާލެގައި އެބައޮތެވެ.

އާބާދީ އެތަށް ގުނައެއް އިތުރުވެ، ބޯހިޔާވަހިކަމަށް އިންތިހާއަށް ވަނީ ބޭނުންވެފައެވެ. ކޮންމެ ސަރުކާރެއް އަޔަސް ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ބޯހިޔަވަހިކަމެވެ.

ބޯހިޔަވަހިކަމަށް ޖާގަ ތަނަވަސްކުރަމުންދާއިރު، އެއާއި އެކުއެކީގައި ކުރިއަރައިގެން ނުދަނީ، ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މާޙައުލެކެވެ. ދަރިންނާއި އާއިލާ އެކުގައި ހިތްހަމަޖައްސާލަން ނުކުމެލާނެ މާޙައުލެކެވެ.

އޯޕަން ސްޕޭސް، ނުވަތަ ގުދުރަތީ ހުސް ޖާގަތައް މިއަދު ބަދަލުވެފައިވަނީ "އާރްޓިފިޝަލް" ތަންތަނަށެވެ. މޫދަށް އެރެވޭގޮތަށް ހެންވޭރު އަރޓިފިޝަލް ބީޗްގެ މަސައްކަތް ފުރަތަމަ ކުރީ 1980ފައެވެ. މިހާތަނަށްވެސް މާބޮޑު ބަދަލެއް އެތަނުގައި ފެންނާކަށް ނެތެވެ.

މާލެ ދެކުނުކޮޅުގައި އޮތް ބޮޑު ހިލަ ތޮށިން ބައެއް ނަގާ، އެތަން އަރޓިފިޝަލް ބީޗެއްގެ ގޮތުގައި ތަރައްޤީކުރީ 2016ވަނަ އަހަރުއެވެ. ދެން އޮތީ ސަލްޓަން ޕާކާއި ރަސްފަންނާއި ޖުމްހޫރީ މައިދާނާއި ސުނާމީ ބިނާ މައިޒާނެވެ.

ހަގީގަތަކީ މި ތަންނަނުގަވެސް އެންމެ ކަށީގެންވާ ޚިދުމަތްތައް ނެތްކަމެވެ. އިށީންދެލާނެ އެކަށީގެންވާ ޖާގަތަކެއް ނެތެވެ. ކުޑަކުދިން ހިތްހަމަޖައްސާލަން ކޮށްލާނެ ކަމެއް ނެތެވެ. ގިނައީ ކާއެއްޗެއް ނުވަތަ ފެން ފުޅިއެއް ގަނެލަން ކިއޮސްކެއްވެސް ނެތް ތަންތަނެވެ.

ނަމަވެސް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސެންޓްރަލް ޕާކުގެ އިތުރުން ނޭބަހުޑް ޕާކުތައްވެސް އެބަހުއްޓެވެ.

ދެން އޮތީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސެވެ. އެތަނުގައީ މީހުން ދިރުއުޅެން ފެށިޔާ 6 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެއެވެ. ދެ ޓަވަރެއްގެ ދެމެދުގައި ކުޑަކުދިން ކުޅެން ހަދާފައިވާ ޕާކެއްގެ އިތުރުން، އޯޕަން ސްޕޭސްގެ ގޮތުގައި އިތުރު އެއްވެސް ތަނެއް ނެރެވެ.

ޖައްވުރެ ސާފު ވައިގައި، ގަހެއްގެ ހިޔަލުގައި އިށީނދެލައިގެން ތިބެ ރަނގަޅު "ޕިކްނިކް"އެއް ގޮސްލާނެ ތަނެއް ނެތެވެ. ބޯހިޔާވަހިކަމަކީ އެންމެ އަސާސީ ޚީދުމަތަށްވާއިރު، އޭގެ އެންމެ ފުރިހަމަ ހިތްހަމަޖެހުން ލިބެނީ، އާއިލާއާއި މުޖުތަމަޢުގެ ދުޅަހެޔޮކަމުންނެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިހާތަނަށްވެސް މީހުން އާބާދުކުރުމަށް ތަރައްޤީގެ ގިނަ މަސައްކަތްތައް ގެންދެވިފައިވަނީ، އެކަށީގެންވާ އަރބަން ޕްލޭނިންތައް ނެތިކަމަށެވެ. އާއްމުން ނިކުމެ އުޅޭނެ ތަންތަނަށް އެކަށީގެންވާ ޖާގަ ކަނޑަނޭޅިކަމަށެވެ.

ވަޒީރު ވިދާޅުވީ ގެދޮރު ބިނާކުރުމަށް ގިނަ ބިންތަކެއް ދޫކުރާއިރު، އެ އާބާދީތަކަށް ބެނުންވާ މިންވަރަށް ސްކޫލާއި ޕާކުތަކާއި އަދި ހިތްހަމަޖައްސާލަން ބޭނުންވާ އެހެނިހެން ޚިދުމަތްތަކަށްވެސް ބިން ނެތިކަމަށެވެ. ދެން އެންމެ އަވަހަށް މީހުން އާބާދުވާނެ ގުޅިފަޅާއި ގިރާވަރު ފަޅުގެ ޕްލޭންގައިވެސް ގޯތި ދޫކުރުމަށްފަހު، އިތުރު ކަންކަމަށް އެކަށިގެންވާ ބިން ނެތްކަމަށެވެ. އަދި ޕްލޭންއަށް ބަދަލު ގެނައިއިރުވެސް، ގޯތި ދީފައި އިތުރަށް ބިން ނެތްކަމަށެވެ.

"ގުޅިފަޅާއި ގިރާވަރުފަޅުގައިވެސް ގެ ދޫކޮށްފައި ދެން ބިން ވަރަށް ދަތި. ނެގެން އޮތް އެންމެ ގިނަ އަދަދަކަށް ގޯތި ދީފައިވަނީ. ގިރާވަރުގެ ޕްލޭންގައިވެސް އިތުރަށް އެންމެ ތަނެއް އަޅާނެ ބިމެއްވެސް ނެތް. މިހާތަނަށްވެސް އެހާ ލިވަބަލް ތަންތަނެއް ނޫން މިއީ. ލިބެން ހުރި ބިންތަކުން އެކަން ކުރެވޭނެ ގޮތެއް ބަލާނަން." ވަޒީރު ވިދާޅުވިއެވެ.

މިއީ އެތައް އިޖުތިމާޢީ މައްސަލައަކަށްވެސް ހުށައެޅޭ ކަމެކެވެ. ކުރާނެ މާބޮޑު ކަމެއް ނެތި، ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމަކީ ކުދިންނަށްވެސް ތަފާތު ނޭދެވޭ އަސަރު ކުރާ ކެމެކެވެ. އަދި މުޖުތަމަޢުގެ ގުޅުންތަކުންވެސް މަހުރޫމުވެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް އެޅޭ ހުރަހެކެވެ. އެހެންކަމުން ގޮދޮރު ބިނާކުރާއިރު، އެތަނަކީ ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ މާޙައުލަކަށްވެސް ވާންޖެހެއެވެ.