ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތަކާއި ގުޅޭގޮތުންހުރި ކަންބޮޑުވުންތައް އިންސާފުވެރިކަމާއެކު ބަލައި، ޙައްލު ހޯދައިދެއްވާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އާންމު ފަރާތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަޒީރަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެއްވަމުންނެވެ.
ޓެކްސީ ނަފާ ލޯނު ސްކީމްއާއި ގުޅިގެން އާންމު ފަރާތުން ސޯޝަލް މީޑިއާގައި ވަޒީރު ސަޢީދަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައި ބުނެފައިވަނީ ޓެކްސީ ނަފާ ލޯނު ސްކީމަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް ގުރޭޓަރ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޓެކްސީ ވިޔަފާރި ފަށައިގަތުމަށް ދޭ ލޯނެއްގެ ގޮތުގައި ތަޢާރަފްކުރެވިގެން ދިޔަ ސްކީމެއްކަމަށެވެ. ނަމަވެސް، ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރ ކުރުމުގެ ޢަމަލީ މަސައްކަތް ލަސްވެ، ބައެއް ކާރުތައް ރަޖިސްޓަރ ނުވެ ހުއްޓައި ލޯނުދެއްކުމަށް ލޯނު ދޫކުރި ފަރާތްތަކުން ތަކުރާރުކޮށް ތާއީދު ކުރަމުންދާ ކަމީ، ލޯނު ނެގި ފަރާތްތަކަށް ވަރަށް ބޮޑު ތަކްލީފަކާ ކަންބޮޑުވުންތަކެއް ކުރިމަތިވެފައިވާ ކަމެއްކަމަށެވެ.
ލޯނު ނެގި ފަރާތްތަކަށް ވިޔަފާރިން ލިބެންޖެހޭ ނަފާ ލިބޭނެ ގޮތެއް ނެތި، ލޯނު ދެއްކުމަށް ބާރު ފޯރުވަމުން ދިއުމަކީ ހަމަޔާ ޢަދުލުވެރިކަމާ ޚިލާފު ކަމެއް ކަމަށް ނުދެކޭކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.
بسم الله الرحمن الرحيم
— Mohamed Saeed (@em_saeed) April 24, 2026
އަލްފާޟިލް އާދަމް ސަލީމް (މުތީގެ / ހއ.ދިއްދޫ) އަށް،
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
އަޅުގަނޑަށް އެޑްރެސްކުރައްވާ މީސްމީޑިއާގައި ޝާއިޢުކުރެއްވި ސިޓީއާ ގުޅިގެން ދަންނަވަމެވެ.
އެ ސިޓީގައި ފާހަގަކުރައްވާފައިވާ ކަންކަން އިންސާފުވެރިކަމާއެކުގައި ބަލައި،… https://t.co/jxAbbDL1np
މި ސިޓީއަށް ޖަވާބުދާރީވަމުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކަކާއި ޙައްލުތަކެއް ހޯދަން މަސައްކަތްކޮށްދިނުމަކީ ވަޒީރުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކޭކަމަށެވެ. އަދި އެ ސިޓީގައި ފާހަގަކޮށްފައިވާ އެންމެހާ ކަންކަން ބަލައި ދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމަށް މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު އަންގަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހައިވެސް ގާތުން ޚިދުމަތްދީ، ރައްޔިތުން އެދޭ މިފަދަ ކަންކަމުގައި އަވަސް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރުންކަމަށެވެ. ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.