ރިޒާވް ބެންކު އޮފް އިންޑިޔާއިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިޔަން ޑޮލަރުގެ ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދައްކާ ޚަލާސްކޮށްފިއެވެ.
މިލޯނަކީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޤާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ. މި ލޯނު ދައްކަންޖެހޭ ސުންގަޑި ހަމަވިއިރު، ރާއްޖެއިން މި ލޯނު ދައްކާ ޚަލާސްކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފައިވާއިރު، އިންޑިޔާއިން މިހާރު ވަނީ އިތުރު 30 ބިލިޔަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ. އިންޑިއާއިން މި ލޯނު ހަމަޖައްސައިދެއްވުމާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެކަމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.
ސަރުކާރުން ވިދާޅުވީ 319 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުން މިވަގުތު ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލު ހޯދުމާއެކު އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރެވޭނެކަމަށެވެ.
އިންޑިއާއިން ނަގާފައިވާ 400 މިލިޔަން ޑޮލަރު އަނބުރާ ދައްކާފައިވާއިރު 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.