ޚަބަރު

ޕީއެސްއެމްއާއި މީޑިއާނެޓު ގުޅިގެން ވޯލްޑް ކަޕް ދިވެހިންނާއި ހަމައަށް


  • އިތުރު ފީ އަކާ ނުލައި މެޗުތައް ބަލާލެވޭނެ

  • މުބާރާތުގެ ހުރިހާ މެޗެއް އަދި ޕްރީ ޝޯތަކާއި ގުޅުންހުރި ޕްރޮގްރާމްތައް ގެނެސްދޭނެ

ދިވެހި ރައްޔިތުންގެ މުނިފޫހިފިލުވުމުގެ އެންމެ ގާތް މިތުރު، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި މީޑިއާނެޓް ގުޅިގެން، މި ފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ޕީއެސްއެމް އާއި މީޑިއާނެޓާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިކަމުގެ އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކިއުޓިވް ޑިރެކްޓަރ - ކޮމާޝަލް އެންޑް ކޯޕަރޭޓް، މުޙައްމަދު ސައީދެވެ. އަދި މީޑިއާނެޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ރެޒިޑެންޝަލް ސޭލްސް، ޙުސެއިން ސަމާންއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި އޮތް ޙާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގައި ވޯލްޑް ކަޕް ރަސްމީކޮށް އިފްތިތާހުކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު އާއި ޑީއެމްޑީ އަބްދުﷲ ޔާމީން ރަޝީދުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި، މީޑިއާނެޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މީޑިއާނެޓުގެ ނެޓުވޯކްގެ ތެރެއިން، ޕީއެސްއެމްގެ ޔެސް ޓީވީ އަދި ޓީވީއެމް އިން މުޅިން ހިލޭ ވޯލްޑްކަޕްގެ ހުރިހައި މެޗެއް ބަލާލެވޭނެއެވެ.

މިޑިއާނެޓުގެ ކޭބަލް ޑިވައިސްތަކާއި ޓީވީ އަދި މޯބައިލް އެޕު މެދުވެރިކޮށް ހިލޭ ވޯލްޑްކަޕް ފެންނާނެއެވެ. ވޯލްޑްޕްގެ ދުވަސްވަރު މިޑިއާނެޓުގެ ޕެކޭޖަށް ފައިސާ ނުދެއްކިޔަސް މެޗުތައް ދައްކާ ޗެނަލްތައް ފެންނާނެއެވެ.

ވޯލްޑް ކަޕަށް ޙާއްސަކޮށްގެން ޕީއެސްއެމް އިން ޙާއްސަ ޕްރީޝޯރ ތަކާއި، ގުޅުންހުރި އެކިއެކި ކޮންޓެންޓު ގެނެސްދޭނެއެވެ. އަދި ޤާބިލް އެނަލިސްޓުންނާއެކު، މެޗަށް ޙާއްސަ ޕްރޮގްރާމްތަކާއި ގުޅުންހުރި އެކިއެކި ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

1986ވަނަ އަހަރުންފެށިގެން، ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު އިވެންޓު، ފީފާ ވޯލްޑްކަޕް ހިލޭ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ދިވެހި ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދޭ ކަމެކެވެ. އެއީ ދިވެހި ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް، ޚާއްސަކޮށް ފީފާ ވޯލްޑްކަޕަށް އޮންނަ ފޯރިއާއި ޖޯޝުގެ ސަބަބުން ރައްޔިތުންގެ އިހްސާސްތަކަށް އިޖާބަ ދިނުމުގެ ގޮތުން ކުރަމުންއަންނަ މުހިންމު މަސައްކަތެކެވެ.

އެގޮތުން މިއަހަރުގެ ވޯލްޑްކަޕްވެސް މިގެނެސްދެނީ ސަރުކާރުގެ ވަރަށްބޮޑު އެހީތެރިކަމަކާއި އިސްނެގުމަކާއެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. ޕީއެސްއެމްގެ ޤާނޫނީ ޒިންމާގެ ތެރޭގައިވެސް މިފަދަ އިވެންޓުތައް ރައްޔިތުންނަށް ފެންނާ މަގުފަހިކުރުން ހިމެނެއެވެ.

މިއީ މުނިފޫހި ފިލުވުމާއި އުފާވެރި އިޙްސާސްތަކުގެ ތެރެއިން ގައުމީ އެއްބައިވަންތަކަމާއި އިޖުތިމާޢީ ގުޅުން ބަދަހިވުމަށް ފަހިކޮށްދެވޭ މަގަކަށް ވާނެކަމަށް ޕީއެސްއެމް އިން އުއްމީދުކުރެއެވެ.

ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ޚާއްޞަ ޖާގައެއް އޮތް އެއްޗަކަށް ވާއިރު، ޕީއެސްއެމްއާއި މީޑިއާނެޓުގެ މަޤުސަދަކީ ދިވެހި މުޖުތަމަޢަށް އުފާވެރިކަން ގެނެސްދިނުމެވެ.