ޚަބަރު

އެލްޖީއޭގެ ރައީސްގެ މަޤާމަށް މާލީ ވަޒީރު މޫސާ ޒަމީރު


  • އެލްޖީއޭގެ ރައީސްގެ މަގާމަށް މާލީ ވަޒީރު މޫސާ ޒަމީރު އައްޔަންކުރީ މިއަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ރައީސްގެ މަޤާމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު މޫސާ ޒަމީރު ޢައްޔަން ކުރައްވައިފިއެވެ.

އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެވެ.

މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް ވަޒީރުކަމުގެ މަގާމުން އާދަމް ޝަރީފް އުމަރު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމު ވަނީ ހުސްވެފައެވެ.

ކެބިނެޓަށް ގެނައި ބަދަލުތަކާއިއެކު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ ވަނީ އުވިފައެވެ. އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން މީގެކުރިން ވަނީ ވިދާޅުވެފައެވެ.