ޗެލްސީގެ ވެރިންގެ ފުރިހަމަ ސަޕޯޓް އެބައޮތް ކަމަށް އެ ކްލަބުގެ ކޯޗު ލިއާމް ރޮޒޭނިއާ ބުނެފި އެވެ.
މިރޭ ބްރައިޓަން އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޮޒޭނިއާ ބުނެފައިވަނީ އެ ކްލަބުގެ ވެރިންނާއިއެކު ދެކެވޭ ވާހަކަތަކުން އޭނާއަށް ފުރިހަމަ ސަޕޯޓް އެބައޮތްކަން އެނގިގެންދާ ކަމަށެވެ.
"ކްލަބްގެ ސްޕޯޓިންގ ޑިރެކްޓަރ ވެސް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކު ދެކެވޭ ވާހަކަތަކުން އެނގޭ ވެރިންގެ %100 ސަޕޯޓް އޮތް ކަން. އަހަރުމެން އެންމެންވެސް ބޭނުންވޭ މެޗުތަކުން މޮޅުވާން." ރޮޒޭނިއާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާއިރު މިއިން އެއްވެސް މެޗެއްގައި އެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.
އަދި އެންމެ ފަހުން ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވުމާއިއެކު ތާވަލުގެ ފަސް ވަނައިގައި އޮތް ލިވަޕޫލް އާއި ދެމެދުވާ ފަރަގު ވަނީ ހަތް ޕޮއިންޓަށް އިތުރުވެފަ އެވެ. އެހެންކަމުން މި ސީޒަން ފެށިއިރު ޗެލްސީ އިން ކަނޑައެޅި ޓާގެޓް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޗެލްސީއަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ޗެލްސީގެ އެއް ހިއްސާދާރު ކަމުގައިވާ ބެހްދާޑް އެގްބާލީ ބުނެފައިވަނީ ފުޓްބޯޅަ އަކީ ނަތީޖާ އަށް ބަލައިގެން ކުރިއަށްދާ ކަމެއް ކަމަށާއި ނަމަވެސް ދިގު މުއްދަތުގައި ރޮޒޭނިއާގެ ފަރާތުން ޗެލްސީއަށް ކާމިޔާބު ހޯދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.