ޚަބަރު

މަލްޓިސްޕެޝަލިސްޓް ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަނީ


  • މިއީ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރާ ފުރަތަމަ ހޮސްޕިޓަލް

  • ފަންނީ މަސައްކަތްތަކާއި ފައިސާގެ ކަންކަން ދަނީ ހަމަޖައްސަމުން

  • މިއީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރާ 500 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމައިފިއެވެ.

500 އެނދުގެ މަލްޓިސްޕަޝަލިސްޓް ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަން މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާން ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ފަންނީ މަސައްކަތްތަކާއި، ފައިސާގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި މި މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގައި ރޭޑިއޭޝަން ޗެމްބަރ ހިމެނޭހެން ކެންސަރަށް ފަރުވާ ދިނުމުގެ ނިޒާމްވެސް ހިމެނޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި މަލްޓިސްޕަޝަލިޓީ ހޮސްޕިޓަލުގެ ތެރޭގައި ކުޑަކުދިންނާއި، އަންހެނުންނާއި ބެހޭ ޚާއްސަ ޑޮކްޓަރުންގެ ޑިޕާޓްމަންޓުވެސް ހިމެނޭނެ. އެ މަސައްކަތްތައް އެބަ ހިނގާ. ފޭސް 1ގައި ހުޅުމާލެ ހޮސްޕިޓަލު ގޯތި ތެރޭގައި އިމާރާތެއް އެޅުމަށް މިހާރު އޮންނަނީ، އިންޑިއާގެ އެލްއޯސީއަށް ހުށަހަޅާފައި. އެކަން ނިމިގެން ދިޔާމަ އިމާރާތް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި ހޮސްޕިޓަލް ތަރައްޤީ ކުރުމަށްޓަކައި މިހާރު ޕްރޮޕޯސަލްތައް އޮންނަ އުޞޫލުތަކުގެ ތެރެއިން ލިބެމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ މި ދައުރުގެ ތެރޭގައި މި ހޮސްޕިޓަލް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލުން ދޭނެ ޚާއްސަ ޚިދުމަތްތައް:

• މާބަނޑު މީހުންނަށް ދޭ އެކިއެކި ޚިދުމަތްތައް
• ފެމިލީ ޕްލޭނިންގ ސަރވިސް
• ދުވަސް ނުފުރާ ވިހާ ކުދިންނަށް ދޭ ފަރުވާ
• ކުޑަކުދިންގެ ޚާއްސަ ބަލިތަކަށް ދޭ ފަރުވާ
• އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން
• ރަޙިމުގެ ދޮރުގެ ކެންސަރަށް ސްކްރީން ކުރުން
• އައިޔޫއައީއާއި އައިވީއެފްގެ ޚިދުމަތް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިވަގުތު ހުންނަނީ ހުޅުމާލެ ހޮސްޕިޓަލުގެ ދަށުން ހިންގާ ކްލިނިކެކެވެ. އަދި މިހާރު އަންނަނީ، އިތުރު ޖީޕީ ކްލިނިކެއް ހުޅުވުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ހޮސްޕިޓަލު ވާނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ފުރަތަމަ ހޮސްޕިޓަލަށެވެ.