އަވަސްގެ ކުރީގެ އެޕް އަވަސް ރައިޑް ޝަޓް ޑައުންކޮށް މިއަދުން ފެށިގެން ދެން ބޭނުން ކުރެވޭނީ އަވަސްގެ އައު އެޕްލިކޭޝަންކަމަށް އަވަސް އެންޓަޕްރައިސްއިން ބުނެފިއެވެ.
ގިނަ ބަދަލުތަކެއް ހިމެނޭގޮތަށް އަވަސްގެ އައު އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީމަހުގެ 10ވަނަ ދުވަހުއެވެ.
އަވަސް އެންޓަޕްރައިސްއިން ބުނީ 2019 އިން ފެށިގެން މިހާތަނަށް ބޭނުންކުރަމުން އައި އަވަސްގެ ކުރީގެ އެޕް އަވަސް ރައިޑް ޝަޓް ޑައުންކުރީ އެ ކުންފުނީގެ އައު އެޕްލިކޭޝަން ލޯންޗުކޮށްފައިވުމާއެކު އެޕްލިކޭޝަން ރަސްމީކޮށް ބޭނުންކުރުމަށްކަމަށެވެ.
އައު އެޕްލިކޭޝަން ލޯންޗުކުރުމަށްފަހު 1 އަހަރާއި ދުވަސްކޮޅެއް ދީފައިވަނީ އައު އެޕްލިކޭޝަނަށް ޑްރައިވަރުން ބަދަލުވުމާއި ކަސްޓަމަރުންނަށް އައު އެޕްލިކޭޝަން ފަރިތަވުމާއެކު އިތުރު ކަންތައްތައް ކުރުމަށްކަމަށެވެ. އެހެންނަމަވެސް މިއަދުން ފެށިގެން ދެން ބޭނުން ކުރާނީ އަވަސްގެ އައު އެޕްލިކޭޝަން "އަވަސް އެޕް" ކަމަށް އެކުންފުނިން ވަނީ ބުންޏެއެވެ.
Last 24 hours on Avas Ride ⌛️
— Avas App (@Avas_App) April 19, 2026
Don’t miss out! Make the switch to Avas App now for easier bookings, better UI, and a smoother experience.#AvasApp #SwiftlyYours pic.twitter.com/bBMFDcoxxE
އަވަސް އިން ބުނީ މިހާތަނަށް 3400 ޑްރައިވަރުން އައު އެޕްލިކޭޝަނަށް ބަދަލުވެފައިވާއިރު 100 ހާސް ކަސްޓަމަރުން މިހާރު އަވަސްގެ އައު އެޕްއަށް ބަދަލުވެފައިވާކަމަށެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ކަސްޓަމަރުން އިތުރުވާނެކަމަށް ފާހަގަކުރިއެވެ.
އަވަސްއިން ބުނީ ކުރިއަށް އޮތްތަނުގައި އައު އެޕްލިކޭޝަނަށް އައު ޕީޗާރސްތައް އިތުރުކުރެވިގެންދާނެކަމަށެވެ. އޭގެ ތެެރޭގައި ޑެލިވަރީގެ ޚިދުމަތާއި ކާބޯތަކެތި އޯޑަރ ކުރެވޭނެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.
އަވަސް އެންޓަޕްރައިސްއިން ބުނީ އައު އެޕްލިކޭޝަންގައި ކަސްޓަމަރުންނާއި ޑްރައިވަރުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބަލާފައިވާނެކަމަށެވެ. އެގޮތުން ކަސްޓަމަރާއި ޑްރައިވަރުގެ ފޯން ނަންބަރު ނުފެންނާނެކަމަށެވެ. މީގެ އިތުރުން ކާޑުން ޕޭމަންޓު ދެއްކުމާއި އަދި ޑްރައިވަރުގެ އެކައުންޓު ނަންބަރު ފަސޭހައިން އެޕްލިކޭޝަނުން ފެންނާނެކަން ފާހަގަކުރިއެވެ.
އަވަސްއިން ބުނީ އަވަސްގެ އައު އެޕްލިކޭޝަން ބޭނުންކޮށްގެން މިހާތަނަށް 953000 ދަތުރުކުރެވިފައިވާކަމަށެއެވެ. އަދި ވަރަށް އަވަހަށް 1 މިލިޔަން ހުރަސްކުރާނެކަމަށާއި މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ދަތުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. އެދުވަހު އެކަނިވެސް 10000 ދަތުރުކޮށްފައިވާކަމަށް އަވަސް އެންޓަޕްރައިސްއިން ބުންޏެއެވެ.
އަވަސް އެންޓަޕްރައިސްއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި އަދި އިތުބާރު ހިފޭ ޚިދުމަތެއް ދިނުމަށްކަމަށެވެ.