ޚަބަރު

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ


  • މިއީ %12.5 އިތުރު އަދަދެއް

  • ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 440 މިލިޔަން ރުފިޔާ

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތައް ވަނީ 549 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 488 މިލިޔަން ރުފިޔާއެވެ. މިއީ %12.5 އިތުރު އަދަދެކެވެ.

މި މުއްދަތުގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 މިލިޔަން ޑޮލަރެވެ.

މި މުއްދަތުގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 440 މިލިޔަން ރުފިޔާއެވެ. މިއީ އާމްދަނީގެ %10.9 އެވެ. ރިސޯޓް ކުލީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 29 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރު އާމްދަނީގެ %14 ކަމަށް މީރާގެ ރިޕޯޓުން ދައްކައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1303 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި 180 ރިސޯޓެއް ހިމެނެއެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 45،111 އަކަށް އަރައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 7 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ.