ޚަބަރު

"އިންތިޚާބުގެ އިތުރު ބުރުގައި %72 މީހުން ވޯޓުލާން ނިކުތް"


  • ވޯޓުފޮށި ބަންދުކުރުމާހަމައަށް އެއްވެސް ޝަކުވާއެއް ލިބިފައިނުވޭ

  • އިތުރު ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔައީ 5 ދާއިރާއެއްގައި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުބުރުގެ ވޯޓުލުމުގައި %72 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުފޮށި ބަންދުކުރުމާ، ހަމައަށް އެއްވެސް ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިނުވާކަމަށެވެ. އަދި ރިކޯޑުތަކުން ދައްކާގޮތުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން 72 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށެވެ.

"ވޯޓުފޮށި ބަންދުކުރެވުމާ ހަމައަށް އެއްވެސް ޝަކުވާއެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް. އަޅުގަނޑުމެން މި ބަލަނީ ވޯޓުލާން ހަމަޖެހިފައިވާ މީހުންގެ ތެރެއިން 72 ޕަސެންޓު މީހުން ވޯޓުލީކަމަށް. މިހާތަނަށް ދައްކާ ރިކޯޑުތަކުން". ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، އާންމުކޮށް ދެވަނަ ބުރަކަށް ވޯޓުލާއިރު ލިބޭ ތަރުޙީބަށްވުރެ ބޮޑު ތަރުޙީބެއް މިފަހަރުގެ އިންތިޚާބަށް ލިބިފައިވާކަމަށެވެ. މިކަމުންވެސް ރައްޔިތުންގެ ބަސް އިއްވުމަށް ވޯޓުލުމަށް ޝައުޤުވެރިކަންހުރި މިންވަރު ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

"އާންމުކޮށް ދެވަނަ ބުރަކަށް ނުވަތަ ބައި އިލެކްޝަންއަކަށް ދާއިރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޓާންއައުޓް އަކީ މިހާ ރަނގަޅަށްދާ ޓާންއައުޓްއެއް ނޫން. އެހެންނަމަވެސް މިފަހަރު މި ފާހަގަކޮށްލެވެނީ ރާއްޖޭގެ ރައްޔިތުންގެ ބަސް އިއްވުމަށް ވޯޓުފޮށި ބޭނުންކުރުމުގެ ޝައުޤުވެރިކަން ހުރި މިންވަރު" ޒާހިދު ވިދާޅުވިއެވެ.

އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންގޮސްފައިވެއެވެ. އިތުރު ބުރުގެ ވޯޓުލުން ކުރިއަށްގެންގޮސްފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމުގެ އިތުރުން ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އިތުރު ބުރު ބާއްވާފައިވަނީ ހއ.ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ. ހަވީރު 4:00ޖެހުމާއެކު އިންތިޚާބުގެ އިތުރު ބުރުގެ ވޯޓު ނެގުން ނިމި ހުރިހާ ވޯޓުފޮށިތަކެއްވަނީ ބަންދުކޮށްފައެވެ.