މިއަހަރުގެ އަރަފާތު ދުވަހަކީ، މީލާދީ ތާރީޚުން ބަލާއިރު މެއި މަހުގެ 26ވަނަ ދުވަހެވެ. ރާއްޖެއިން ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ، އަންނަ މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހުގެ ފްލައިޓުންނެވެ.
ރާއްޖެއިން ޙައްޖާ ގުޅޭ ތައްޔާރީތަކުގެ %99 މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ، ވިދާޅުވެފައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، ޙައްޖާއި ގުޅޭ އިންތިޒާމްތަކުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. ސަޢުދީ ސަރުކާރުން މި އިންތިޒާމްތަކުގެ މަސައްކަތްތައް ވަރަށް ކުރިއަލާ ފަށައެވެ.
ޝަކީލް ވިދާޅުވީ، ވިސާ ހަމަޖެހެނީ ސަޢުދީއިން ކަނޑައަޅާ މިންގަނޑުތަކަށް އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުން ކަމަށެވެ. އެގޮތުން މައްކާ މަދީނާގެ ހުރުމާއި، ފްލައިޓް އަދި އެއްގަމު ދަތުރުފަތުރުތަކާއި ސިއްޙީ އިންތިޒާމްތަކުގެ ކަންކަންވެސް މުޅިންހެން ނިމިފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ. މިހާރު ކުރިއަށް ދަނީ، ރާއްޖޭގައި ކުރިއަށް ގެންދަންޖެހޭ ބައެއް އިދާރީ ކަންކަން ކަމަށް ވިދާޅުވިއެވެ.
ޙައްޖުގެ މަޝާޢިރުތަކަށް މިނާގެ ގިނަ އިންތިޒާމްތައްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިއަހަރުވެސް ދިވެހިން ތިބޭނީ، މިދިޔަ އަހަރު ދިވެހިން ތިބި، މިނާ ޓެންޓު ސަރަޙައްދުގައި ކަމަށް ޝާކީލް ވިދާޅުވިއެވެ.
"ވަރަށް ކުރިއާލާ އުޅެގެން މިނާގެ ރަނގަޅު ސަރަޙައްދެއް ހަމަޖެހެނީ. މިކަމަށް ސަޢުދީއަށް ބޮޑު އެހީއެއް ލިބޭ. ހަމަޖައްސާފައިވާ ސަރަޙައްދަކީ، ހަމައެކަނި ދިވެހި ޙައްޖުވެރިން އެކަނި ތިބޭގޮތަށް ވަކިން އޮންނަ ތަނެއް. ދިވެހި ޓައުނެއް ގޮތަށް. އެހެން ޤައުމުގެ މީހުން ނުތިބޭނެ އެތާނގައި، ވަދެ ނިކުމެ ނޫޅޭނެ." ޝަކީލް ވިދާޅުވިއެވެ.
އަދި މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާ، ފާހަނައިގެ އަދަދު ހަތަރު ގުނަ އިތުރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި ފާހަނައަކީވެސް ދިވެހިންނަށް ޚާއްސަ، ދިވެހިން އެކަނި ބޭނުންކުރާނެ ފާހަނަތަކެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މަދީނާއަށް ދަތުރު ކުރާނީ، ހައިސްޕީޑް ރޭލުގައެވެ. މިއީ، 7 ވަރަކަށް ގަޑިއިރުގެ ދަތުރު 2-3 ގަޑިއިރަށް ކުޑަކޮށްދޭ ދަތުރެކެވެ.
މިއަހަރުވެސް ފްލައިޓް ދަތުރުތައް ހަމަޖައްސާނީ، މައްކާ ރޫޓުގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިން އެއާޕޯޓުގައި ހޭދަކުރާ ވަގުތު ބޮޑުތަނުން ކުޑަވެގެންދެއެވެ. އެގޮތުން އިމިގްރޭޝަންގެ ދިގު ކިއުތަކުގައި ޖެހެން ނުޖެހުމުގެ އިތުރުން ލަގެޖު ހިފައިގެންވެސް އުޅޭކަށް ނުޖެހޭނެއެވެ. މިދިޔަ އަހަރުވެސް ޖިއްދާ އެއާޕޯޓުން 3 މިނެޓެއްހާއިރު ތެރޭ ކަންކަން ނިންމާ ބޭރަށް ނިކުމެވުނެވެ.
ޝަކީލް ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން ދިވެހި ޙާޖީންގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
ވަރަށް ދުރާލާ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، ޙައްޖު ކޯޕަރޭޝަނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިންތިޒާމްތައް ބައްލަވާ މުހިންމު އިރުޞާދުތައް ދެއްވަމުންދާ ކަމަށެވެ.
ޝަކީލް ވިދާޅުވީ، ވިސާއަށް ހުށައެޅުމުގެ މަސައްކަތްތައްވެސް ފެބްރުއަރީ މަހު ނިންމާލާފައިވާ ކަމަށެވެ.
"ވަރަށް ގިނަ ކަންކަން ފުރިހަމަކުރީމަ ވިސާއާއި ހަމައަށް މި ދެވެނީ. އެކޮމޮޑޭޝަން، ސިއްޙީ، ޓްރާންސްޕޯޓް، ފްލައިޓް އަދި އެތެރޭގެ ދަތުރުތައް ހަމަނުޖައްސާ ވިސާއަށް ނޭދެވޭ. މި ހުރިހާ ކަންކަން ފުރިހަމަކޮށް ރާއްޖެއިން ދަތުރު ކުރާ 1000 ޙައްޖުވެރިންގެ ވިސާއަށް 18 ފެބްރުވަރީގައި ހުށައަޅައިފިން. ވިސާ މިހާރު ވަނީ ލިބިފައި." ޝަކީލް ވިދާޅުވިއެވެ.
މިހާރު ވަނީ، ޙައްޖުވެރިން ދަތުރަށް ތައްޔާރުވުމަށް ގެންދާ ތަމްރީންތަކާއި މަޢުލޫމާތުތައްވެސް ފޯރުކޮށްދޭން ފަށާފައެވެ. ޙައްޖުގެ އެޑްވާންސް ޓީމް އަންނަ މަހުގެ 4 ވަނަ ދުވަހު، އެންމެ ފަހުގެ ތައްޔާރީތަކަށް ސަޢުދީއަށް ދަތުރު ކުރާނެއެވެ.
މީގެއިތުރުން ޚިދުމަތުގެ އެހީތެރިންނާއި، ސިއްޙީ އެހީތެރިންގެ ޓީމް އަދި އިދާރީ ކަންކަމަށް މަސައްކަތަށް ޤާބިލު ޓީމެއް، ޙައްޖުވެރިންގެ ޚިދުމަތުގައި މަސައްކަތް ކުރާނެއެވެ.