އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކުގައި "ކުރިއެރުންތަކެއް" ހޯދޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާކަން ޕާކިސްތާނުގެ މަޞްދަރުތަކުން ހާމަކޮށްފިއެވެ. މި އުންމީދީ މެސެޖު ލިބިފައި މި ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ޢާޞިމް މުނީރު ހިމެނިވަޑައިގަންނަވާ ވަފުދެއް ތެހްރާނަށް ދަތުރުކޮށް، ވޮޝިންގްޓަނުގެ މެސެޖެއް އީރާންގެ އިސްވާރުންނަށް ރައްދު ކުރުމާ އެކުގައެވެ. ތެހްރާނުން މުނީރަށް މަރުޙަބާ ދަންނަވާފައި ވަނީ އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ.
ޕާކިސްތާންގެ މަޞްދަރުތަކުން ބުނީ، ދެ ޤައުމުގެ މެދުގައި މި ވަގުތު ޚިޔާލުތަފާތުވުން އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ ތެހްރާނުން ޔުރޭނިޔަމް މުއްސަނދިކުރުން މެދުކަނޑައިލުމަށް އެއްބަސްވާނެ މުއްދަތު ކަމުގައެވެ. އަދި، މި ވަގުތު މަތީ ފެންވަރަކަށް މުއްސަނދިކޮށްފައި ހުރި 440 ކިލޯގެ ޔުރޭނިޔަމާމެދު އަމަލުކުރާނެ ގޮތަކާމެދު ކަމުގައެވެ. މި ވަގުތު އޮތް ޙައްލުތަކަކީ، އެ ތަކެތި ތިންވަނަ ޤައުމަކަށް ބަދަލުކުރުން ނުވަތަ އެ ތަކެތީގެ ބާރު %3 އަށް ދަށްކުރުމެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އޮންނާނެ ފަރާތަކާއި، ޔަހޫދީންނާއި އެމެރިކާގެ ހަނގުރާމައިގައި އީރާނަށް ލިބިފައިވާ މާއްދީ ގެއްލުމަށް ބަދަލުނަގައިދިނުމުގެ މައްސަލައާމެދު ވެސް ގޮތެއް ނިންމިފައެއް ނުވެއެވެ.
ޞަހްޔޫނީ ދައުލަތާ ގުޅިގެން ފެބުރުވަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައިގައި 3,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް މާރިޗު 2 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 2,000 އަށްވުރެ މައްޗަށް އުފުލިފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވާފައެވެ. ކުރިއަށް އޮތް ދެ ދުވަހަކީ "އާދަޔާ ޚިލާފު" ދުވަސްތަކަކަށް ވެގެންދާނެ ކަމަށާއި، ހަނގުރާމަ ނިިމުމަކާ ގާތްވެފައިވާ ކަމުގައި ވިދާޅުވެ ޓްރަމްޕް ވެސް ވަނީ މުހިންމު ނިންމުންތަކެއް ފެނިގެން ގޮސްދާނެ ކަމުގެ އުންމީދު އޮތްކަން ހާމަކުރައްވާފައެވެ.
ވައިޓް ހައުސްއިން ވެސް ވަނީ އިސްލާމްއާބާދުގައި ކުރިއަށްދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވެސް ވަނީ، އިސްލާމްއާބާދު މެދުވެރިކޮށް ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރެވެމުންދާ ކަން ކަށަވަރު ކޮށްދެއްވާފައެވެ.