ޚަބަރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ދ.އަތޮޅަށް

  • 13:00އާ ހަމައަށް

  • ހަފުތާ ބަންދުގައިވެސް އެކި ހިސާބުތަކަށް ވިއްސާރަވާނެ

މޫސުން ގޯސްވެ، ރާއްޖޭގެ އުތުރާ މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ދ.އަތޮޅަށެވެ. ސަމާލު ނެރެފައިވަނީ މެންދުރު 01:00އާ ހަމައަށެވެ.

ވަރަށް ހޫނު ގަދަ ދުވަސްތަކަކަށް ފަހު، ވޭތުވެދިޔަ 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރަން ވަނީ ފަށާފައެވެ.

އަދި މިވަގުތު މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ދަނީ ވާރެ ވެހެމުންނެވެ. ކުޑަވަގުތުކޮޅެއްތެރޭ ބޯކޮށް ވާރެ ވެހުމުގެ ސަބަބުން، މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ފަށާފައެވެ. އެގޮތުން މާލެ، މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕް ބޭނުންކޮށްގެން އެ ސަރަޙައްދުން ދަނީ ފެން ހިއްކަމުނެވެ.

ވިއްސާރަ ނަމަވެސް، ވަޔާއި ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެއެވެ. ވައި ޖެހެނީ 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު އިތުރަށް ގަދަވާނެކަމަށް ލަފާކުރެއެވެ.

ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށް މެޓުން ވިދާޅުވިއެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފަށޭނީ އަންނަ މަހުގެ މެދުތެރޭގައެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަކަމަށް މެޓުން ވިދާޅުވެއެވެ.

ވަރަށް ހޫނު ގަދަ ދުވަސްޔަކަކަށްފަހު ރާއްޖެއަށް ވިއްސާރަކުރަން ފަށާފަވާތީ، ފިނިހޫނުމިން މަޑުމަޑުން ވަނީ ދަށަށް ދާން ފަށާފައެވެ.