ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މޭ މަހުގެ ނިޔަލަށް ނިންމާނެކަމަށާއި، ގޯތީގެ ރެޖިސްޓްރީ ހަދާނީ ހިކިފަސް ބިމަށްކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ނިމުނު ސަރުކާރުގައި އެ ބިން ނުހިއްކާ ރެޖިސްޓްރީ ހަވާލުކުރުމުގެ ސަބަބުން، ގިނަ ރައްޔިތުންތަކެއް އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙިމް މަޖިލީހުގައި ވަޒީރަށް ސުވާލު ހުށައަޅާފައިވަނީ ގިރާވަރު ފަޅު ހިއްކާ ނިންމުމަށް ހަމަޖެހިފައިވާ ތާރީޚުތަކާއި ގޭގެ ޕްލޮޓް ހަވާލުކުރުމާއި ގިރާވަރު ފަޅުން ލިބުނު ގޯތިތައް އެހެންތާކަށް ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭތޯ ކުރި ސުވާލެވެ.
ގިރާވަރު ފަޅުން ޖުމުލަ 169 ހެކްޓަރުގެ ބިން ހިއްކައެވެ. ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، ކުރީ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން، ވެރިކަން ބަދަލުވިއިރު ނިންމާފައި އޮތީ 54 ހެކްޓާރުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތް އޮތީވެސް އެ ކުންފުންޏަށް އެކަށީގެންވާ ގޮތުގައި ކުރިއަށް ނުގެންދެވި، މަޑުޖެހިފައިކަމަށެވެ.
ވަޒީރު ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށުން މަސައްކަތް އަލުން ފެށީ، މަޝްރޫޢު ނުހުއްޓި ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށްކަމަށެވެ.
"31 ޖެނުއަރީ 2026ގައި އެމްއޭސީއެލްއިން އެ ފެށީ ބާކީ ހިމެނޭ، 97 ހެކްޓަރު ހިއްކަން. 44 ހެކްޓަރު ހިއްކުމުގެ މަސައްކަތް ނިމިއްޖެ. 54 ހެކްޓަރު އަދި ހިއްކަން ޖެހޭ. މޭ މަހުގެ 31ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް ބަލަނީ މުޅި މަޝްރޫޢު." ވަޒީރު ވިދާޅުވިއެވެ.
ގިރާފަރުފަޅުގެ ލޭންޑްޔޫސް ޕްލޭން ނުމުނު ސަރުކާރުގައި ހަދާފައިވަނީ އެތަނުން 5000 ގޯތި ދޫކުރުމަށެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ބަލާއިރު، އެ އަދަދަށް ގޯތި ދެވެން ނެތުމުން 1114ވަރަކަށް ގޯތި ގުޅީފަޅަން ބަދަލުކޮށްފަވާކަމަށެވެ. އެ ފުރުޞަތު ދިނީ އާއްމުކޮށް އިޢުލާނުކޮށްގެންނެވެ. އެއަށްފަހު އާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ގިރާވަރު ފަޅުގެ ޕްލޮޓްތައް މިހާރު ވަނީ ކަނޑައަޅަފައެވެ.
ވަޒީރު ވިދާޅުވީ، ބިމުގެ ރެޖިސްޓްރީ ހަވާލުކުރާނީ ބިން ހިއްކާ ނިމުމުންކަމަށެވެ.
"ރާއްޖޭގެ ޤާނޫނުތައް އޮންނަގޮތުން ހިކިފަސް ތަނަކަށް ބިމުގެ ރެޖިސްޓްރީ ހެދޭނީ. ހިއްކާފައި ނެތް ތަނެއްގައި ރެޖިސްޓްރީގެ ގޮތުގައެއް ނުހެދޭނެ. ބިން ހިއްކާ ނިމެންވާއިރަށް، އެތަނުގެ ރެޖިސްޓްރީއާއި ގުޅޭ މަސައްކަތް މިހާރު މިދަނީ ކުރަމުން. ރެޖިސްޓްރީ ދޭނީ ހިއްކާ ނިންމާފައި." ވަޒީރު ވިދާޅުވިއެވެ.
ބިން ހިއްކާ ނުނިމުނު ނަމަވެސް މިހާރު ވަނީ، އާ ލޭންޑް ޔޫސް ޕްލޭނަށް ބަލާ، ގޯތީގެ ޕްލޮޓް ދޭނެ ސަރަޙައްދުތައް ކަނޑައަޅާ، ގޯތީގެ ވެރިންނަށް ލިބޭ ޕްލޮޓް ނަންބަރު ކަނޑައަޅާފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުއަކީ ސަރުކާރުން ޚާއްސަ އިސްކަންދޭ މަސައްކަތްތަކެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަގޮތަށް ބައްލަވާލެއްވުމަށް ބިން ހިއްކާ ސައިޓަށް ޒިޔާރަތްކުރައްވާފައެވެ.