ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ލޮޅުން، ޢާންމުކޮށް ފެންނަން ހުރި ހިސާބުތަކަށް ވުރެ މާ ނުރައްކާތެރި ކަމުގައި މާހިރުން އިންޒާރު ދީފިއެވެ. ޚާއްޞަކޮށް، ވަގުތުން ބާޒާރުގައި ގަނެވެން ހުރި ތެލުގެ އަގާއި އަދި ކުރިއަށް އޮތް ތަނުގައި ގަންނަން އެއްބަސްވާ ތެލުގެ އަގުތަކާ ދެމެދު އުފެދިފައިވާ ބޮޑު ފަރަގުގެ ސަބަބުން، ހަކަތައިގެ ބޮޑު ކާރިސާއެއްގެ ބިރު ވަނީ ހީވެފައެވެ.
ޔަހޫދީ ފައުޖާ ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ. އަދި، އަމިއްލަ ދިފާޢުގައި އީރަނުން ވަނީ ރައްދު ޙަމަލާ ދޭން ފަށާފައެވެ. އީރާނުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ މަރުކަޒުތަކާއި ޔަހޫދީ ދައުލަތުގެ ރަށްތަކަށެވެ. އަދި، ހަނގުރާމަ ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި، އެމެރިކާއާއި ޞަހްޔޫނީންގެ އުޅަނދުތަކަށް ބަންދުކޮށްފައެވެ. ތެލުގެ ބާޒާރަށް ލޮޅުން އަރާފައި ވަނީ މި ސަބަބާ ގުޅިގެންނެވެ.
ތެލުގެ ވިޔަފާރި ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފިޒިކަލް މާކެޓަކީ މިހާރުން މިހާރަށް ބާޒާރުގައި ލިބެންހުރި ތެޔޮ، ވަގުތުން ގަނެވިއްކާ ބާޒާރެވެ. މީގެ އިދިކޮޅަށް، ފިއުޗަރސް މާކެޓަކީ ކުރިއަށް އޮތް މަސްތަކަށް ނުވަތަ އަހަރުތަކަށް ތެޔޮ ގަތުމަށް މިހާރު އަގު ކަނޑައަޅައި، ފަހުން ފޮނުވުމަށް ކުރެވޭ އެއްބަސްވުންތަކެވެ.
ނަމަވެސް، ވަގުތުން ލިބެން ހުރި ތެލުގެ އަގު މިހާރު ވަނީ ފީފާއަކަށް 144 ޑޮލަރަށް އުފުލިފައެވެ. މިއީ "ފިއުޗަރސް" އަގަށް ވުރެ 35 ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ. މިއިން ދޭހަވަނީ، ފަހުން ލިބޭނެ ކަމަށް ބެލެވޭ ތެލަށް ވުރެ، މިހާރު ވަގުތުން ލިބެންހުރި ތެލަށް އޮތް ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅި، އީރާނުން އަމަލީ ގޮތުން ބަންދުކުރުމަކީ ތާރީޚީ ގޮތުން ހަކަތައިގެ ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ލޮޅުމެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު 130 އުޅަނދު ދަތުރުކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް 17 އަށް ދަށަށް ގޮސްފައެވެ.
ސަޢޫދީ ޢަރަބިއްޔާ ފަދަ ތެޔޮ އުފައްދާ ބައެއް ޤައުމުތަކުން ތެޔޮ ބޭރުކުރުމަށް އިތުރު މަގުތައް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، ދުނިޔޭގެ ބާޒާރަށް ދުވާލަކު 8 މިލިޔަން ފީފާ ތެލުގެ އުނިކަމެއް އައިސްފައިވާ ކަމުގައި މާހިރުން އަންދާޒާ ކުރެއެވެ. މިއީ އިޤުތިޞާދީ ނަޒަރަކުން ބަލާއިރު، ވަގުތުން ތެޔޮ ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މި ފަރަގު ބޮޑުވަނީ ވިޔަފާރިވެރިން ކުރިމަގުގައި މައްސަލަ ޙައްލުވާނެ ކަމަށް ކުރާ އުންމީދެއްގެ ސަބަބުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ބަލައި، ބައެއް ވިޔަފާރިވެރިން ޤަބޫލުކުރަނީ މިއީ ވަގުތީ ތަދުކަމެއް ކަމުގައެވެ. އަދި، ކުރިއަށް އޮތް މަސްތަކުގައި ސަޕްލައި އާދައިގެ ޙާލަތަކަށް ރުޖޫޢަވާނެ ކަމުގައެވެ.
ނަމަވެސް، ހަކަތައިގެ މި ލޮޅުމުގެ ސީރިއަސްކަން ސަރުކާރުތަކަށް ވަޒަން ކުރެވިފައިނުވާ ކަމުގައި މާހިރުން ބުންޏެވެ. އަގުތައް ހަމައަކަށް އެޅޭނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ އިތުބާރު އަލުން ލިބި، އީރާނުން އެ ސަރަޙައްދުގެ ކޮންޓުރޯލު ދޫކޮށްލުމުން ކަމުގައި މާހިރުން ޤަބޫލު ކުރެއެވެ.