ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވައިފިއެވެ.
މަޖިލީހުގެ ޤަވާއިދުގެ ދަށުން ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެ ރިޔާސީ ބަޔާނުގެ ޖަވާބު އެއިރެއްގައި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ޕާލަމަންޓްރީ ލީޑަރު ދެއްވަންޖެހެއެވެ. އެގޮތުން، މިވަގުތު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީގެ މެންބަރުންގެ އިތުރުން އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ހާސިލް ކުރަންޖެހޭ އެއްވެސް މަގުސަދެއް ހާސިލްވެފައި ނުވާ ކަމަށް ވިދާޅުވެ ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން، ޤައުމުގެ މިހާރުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން އެމަނިކުފާނުގެ ބަޔާނުގައި ފާހަގަނުކުރައްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަންޖެހެއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވެވީ ފެބްރުއަރީ 5ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ 3ވަނަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ، ދީނީ ދާއިރާއިންނާއި ޤައުމިއްޔަތާއި، އިޤްތިސާދީ ދާއިރާއިން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި މިހާތަނަށް ހޯއްދަވާފައިވާ ކާމިޔާބީތައް ހިއްސާކުރައްވާފައެވެ. އަދި ދަރަނި ދެއްކުމަށް ކުރެވޭ މަސައްކަތާއި ހޯދުނު ކާމިޔާބީގެ އިތުރުން ސަލާމަތީ ދާއިރާ ހަރުދަނާ ކުރުމާއި، ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމާއި ބޯހިޔާވަހި ކަމާއި، އިޖްތިމާޢީ އަދި ޞިއްޙީ ދާއިރާއަށް އެމަނިކުފާނު ވަނީ ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.