ރައީސުލްޖުމްހޫރިއްޔާ ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތައް އޮންނަ އުޞޫލުގެ މަތިން ގަވާއިދުން ކުރިޔަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ޤަވާއިދުން ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ބައްދަލުވުންތައް މި އުސޫލުގެ ތެރެއިން ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބައްދަލުވުން ނޯންނާނެ ވަކި ހާލަތްތަކެއްވެސް އެމަނިކުފާނު އޭރު ވަނީ ހިއްސާކޮށްދެއްވާފައެވެ.
އޭގެ ތެރޭގައި އެދުވަހު ސަރުކާރު ބަންދުވުމާއި، ދަތުރެއް ކުރަންޖެހުމުގެ އިތުރުން އެކި ސަބަބުތަކާއި ހުރެ ޝެޑިއުލްއަށް ބަދަލު އަތުވެދާނެ ހާތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ. އަދި މި ނޫން ހާލަތްތަކުގައި، މި ބައްދަލުވުންތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން ކުރިއަށް އޮތް ހަފްތާތަކުގައި މި އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ނޫސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބަދައްލުކުރައްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.
މި ވޭތުވެ ދިޔަ މުއްދަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އުސޫލުގެ ތެރެއިން ނޫސްވެރިންނާއި 3 ފަހަރަށް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާއި އެއިރެއްގެ ހިންގަމުންދާ ކަންކަމާއި ގުޅޭގޮތުން ނޫސްވެރިން ކުރައްވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވައެވެ.