ޚަބަރު

ޓެކްނިކަލް ދާއިރާތަކުން ސްކޮލަޝިޕްގައި ކިޔެވުމަށް ހުޅުވާލައިފި


  • މި ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހުގެ 13:30 އާ ހަމައަށް

  • ޑިޕްލޮމާ 7 ކޯސް އަދި ބެޗްލަރސް ޑިގްރީގެ 3 ކޯސް

"ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" އަށް ކުރިމަތިލުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ "ޓިވެޓް ޓީޗަރ ޓްރެއިންނިން ސްކޮލަރޝިޕް" ސްކީމްގެ ދަށުން ޑިޕްލޮމާ 7 ކޯހަކާއި ބެޗްލަރސް ޑިގްރީގެ 3 ކޯހަކުން ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައެއެވެ. ސަރުކާރުން ފަންޑުކުރާ މި ސްކޮލަރޝިޕްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ 13:30 އާ ހަމައަށެވެ.

މި ކޯސްތަކުގައި އަވައްޓެރި ޤައުމުތައް ހިމެނޭހެން 24 ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލަފައެވެ. ކޯސްތަކުގައި ބައިވެރިވެވޭނީ އެމްކިއުއޭގެ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވަރކް" ގެ މިނިމަމް އެންޓްރީ ރިކުއަމަންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތައް/ ޑިޕްލޮމާ

- މެނުފެކްޗަރިންގ އިންޖިނިއަރިންގ
- ސިވިލް އިންޖިނިއަރިންގ
- މެކަޓްރޯނިކްސް
- ގްރެފިކް ޑިޒައިނިންގ
- ކަރޕެންޓްރީ ޓެކްނޮލޮޖީ
- އިންފޮމޭޝަން ޓެކްނޮލޮޖީ
- އެއަރ ކޮންޑިޝަނިން އެންޑް ރެފްރިޖަރރޭޝަން

ކިޔެވުމަށް ހުޅުވާލާފައިވާ ދާއިރާތައް/ބެޗްލަރސް ޑިގްރީ

- އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ
- މެރިން އިންޖިނިއަރިންގ ޓެކްނޮލޮޖީ
- އޮޓޮމޯޓިވް އިންޖިނިއަރިންގ

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ސްކޮލަރޝިޕްގެ ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ސަރުކާރުންކަމަށެވެ. އަދި ކިޔެވުމުގެ ފުރުޞަތު ލިބޭ ފަރާތްތަކަށް ކޯހުގެ ދިގުމިނަށް ބަލާ ކަނޑައެޅިފައިވާ މުއްދަތަކަށް މޯލްޑިވްސް ޕޮލިޓެކްނިކަށް ޚިދުމަތްކުރުމަށް ބޮންޑު ކުރެވޭނެކަމަށެވެ.

އެ ވުޒާރާއިން ވިދާޅުވީ އިޚުތިޔާރު ކޯހަކީ ފުލްޓައިމް އަދި އިންގްލިޝް މީޑއަމްއިން ކިޔަވައިދޭ ކޯހަކަށް ވާންޖެހޭނެކަމަށާއި ކިޔަވަން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ ކިޔަވަން ފަށަން ޖެހޭނެކަމަށެވެ. އަދި އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ ސްކޮލަރޝިޕްގެ ފުރުޞަތު ކެންސަލްވާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނުގެ އެގްރީމަންޓުގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ސްކީމްއަށް އެދި ހުށަހެޅޭނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރައިން ވިދާޅުވިއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަން ޖެހޭނެކަމަށާއި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފަިއވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕްގެ ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެކަމަށެވެ.