ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލަނީ


  • އަލަށް ވޯޓުލުމުގެ ޙައްގު 7 މީހަކަށް ލިބޭ

  • ފުރަތަމަ ބުރުގައި ވޯޓުލި މީހުން ރަޖިސްޓްރީވެފައި ވާނީ ފުރަތަމަ ވޯޓުލި ތަންތަނުގައި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓްރޭޝަންވުމުގެ ފުރުޞަތު މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުނެގުމަށް ނިންމާފައިވަނީ އެ ދާއިރާތަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ވިދާޅުވީ، މި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުވާ ފަރާތްތަކަށް އެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެގޮތުން، ވޯޓުލާ ދާއިރާތަކުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ރައްޔިތުން ރަޖިސްޓްރީކޮށްފައިވާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލި ސަރަހައްދުތަކުގައި ކަމަށާއި އަލަށް ވޯޓުލުމުގެ ޙައްގު ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީ އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނެއްގައި ކަމަށްވެސް އަޒީފާ ވިދާޅުވިއެވެ.

"ވޯޓާސް ލިސްޓަށް ބަލާލާއިރު 18 އޭޕްރިލްއަށް ލިސްޓަށް އިތުރުވެފައިވާ ފަރާތްތަކުގެ މައުލޫމާތު މިހާރު ވާނީ އާންމު ކުރެވިފައި. ދެން ރީ-ރަޖިސްޓްރޭޝަނަށް ބަލާލާއިރު ރީ-ރަޖިސްޓްރޭޝަނަށް އަޅުގަނޑުމެން ހުޅުވާލާނީ 13 އޭޕްރިލްގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިމިވަނީ. އަޅުގަނޑުމެން އެންމެ ފަހުން މި ބޭއްވުނު ތަނުގައި ހަމަ ކޮންޓިނިއު ކުރާނީ. މިސާލަކަށް މާލޭގައި ވެއްޖެއްޔާ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މީހުން ހަމަ މާލޭގައި މިގޮތަށް ރަޖިސްޓަރ ކޮށްފައި. އޭގެއިތުރަށް އެހެން ތަނަކަށް ރެޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެ." އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ އާމިނަތު އަޒީފާ ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް އެކަންޏެވެ. އެގޮތުން، 5 ދާއިރާއަށް އަލަށް ވޯޓުލުމުގެ ޙައްގު 7 މީހަކަށް ލިބިގެންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.