މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް، މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް އެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި، ވަގުތީ ބަރުދަނުގައި ގާތްގަނޑަކަށް 38 ގްރާމް ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމުގެ އިތުރުން، އޭގެ ވިޔަފާރިކުރުމުގައި ބައިވެރިވާކަމުގެ ތުހުމަތުގައެވެ.
ފަތުޙުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.