ފ.ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ އަދަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި ޙާދިސާ ރިޕޯޓްކުރީ 09:15 ހާއިރުއެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ.
ފީއަލި ކައުންސިލްގެ މެމްބަރަކު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާގައި ތެޔޮ ބޯޓުގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ފަޅުވެރިއަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށެވެ. އޭނާއަށް ފީއަލީ ޞިއްޙީ މަރުކަޒުގައިދަނީ ފަރުވާދެމުންނެވެ.
އަލިފާނުގެ މިހާދިސާގައި ފީއަލީ އައިސްޕްލާންޓް އެއްކޮށް އަނދާފައިވާ ކަމަށާއި، އަދި ރަށުގެ އިތުރު ދެ ދޯންޏެއްވެސް އެއްކޮށް އަނދާފައިވާކަމަށް ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ.
ތެޔޮ ބޮޓުގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.