އަންނަ ސެޕްޓެމްބަރު މަހު ބަނގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެ ގައުމުގެ ތިން ސަރަހައްދެއްގައި ބާއްވަން ބޭނުންވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފި އެވެ.
ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ތާބިތް އައްވަލް ވިދާޅުވީ މިއީ މުޅި ގައުމަށް ފުޓްބޯޅައިގެ ފޯރި ގެނައުމަށް ބޭނުންވާތީގެ ކުރަން ގަސްތުކުރާ ކަމެއް ކަމަށެވެ. މި ގޮތުން ބަނގްލަދޭޝްއިން މެޗުތައް ކުޅެން ވިސްނާ ތިން ސަރަހައްދުގެ ތެރޭގައި ވެރިރަށް ޑާކާ ހިމެނެ އެވެ.
"އަހަރުމެންނަށް ޔަގީން ބަނގްލަދޭޝް އަކީ މުބާރާތް ފުރިހަމަ އަށް ބޭއްވޭނެ ގައުމެއްކަން. އެކަމަކު މުޅި ގައުމަށް ފުޓްބޯޅައިގެ ފޯރި ގެނައުމަށް މެޗުތައް ތިން ސަރަހައްދެއްގައި ކުޅެން ގަސްތު ކުރަން. އޭގެ ތެރޭގައި ހިމެނެނީ ޑާކާ އާއި އެހެން ދެ ސަރަހައްދެއް. އަހަރުމެން މިދަނީ މިކަމާ މަޝްވަރާ ކުރަމުން. މިއީ މުޅި ގައުމުގެ އެންމެންގެ ހިއްސާ ފުޓްބޯޅައިގައި ބޮޑު ކުރުމުގެ ހަރަކާތެއް،" ރައީސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ބަނގްލަދޭޝްގައި މުބާރާތް ބާއްވާތީވެ ސަރަހައްދުގެ އެހެން އެއްވެސް ގައުމަކުން މުބާރާތް ނުކުޅުމުގެ ވިސްނުމެއް ގެންގުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އިންޑިޔާ އަށެވެ. އެއީ އިންޑިޔާގައި އެންމެ ފަހުގެ ޓުވެންޓީ20 ކްރިކެޓް މުބާރާތް ބޭއްވުމުން ސަލާމަތީ ސަބަބުތަކާމެދު ހިތްހަމަ ނުޖެހިގެން ބަނގްލަދޭޝް އެ މުބާރާތުން ވަކިވެފައިވާތީ އެވެ.
"ފުޓްބޯޅައިގައި ވާދަ ކުރާނީ ފުޓްބޯޅައާ. އެހެންވީމާ އަހަރުމެން އުއްމީދު ކުރަނީ ހުރިހާ ގައުމެއްގެ ވެސް އެއްބާރުލުން ލިބިގެންދާނެ ކަމަށް. މިކަމުގެ ތެރެއަށް އެހެން ކަންތައްތަކެއް ވަންނާނެ ކަމަށް ނުބެލެވޭ،" ތާބިތް ވިދާޅުވި އެވެ.
މުބާރާތް ބޭއްވުމަށް ބޭނުންވާ ހުއްދަތައް ހޯދަން ބަނގްލަދޭޝްގެ ސަރުކާރަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.