"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިދިޔަ ޖެނުއަރީގައި މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ގއ. ވިލިނގިއްޔަށް ނިސްބަތްވާ 4 މީހުންކަމުގައިވާ ޝައްފާޙް ލަޠީފް އާއި އަޙްމަދު މަދީޙު އަދި އަޙްމަދު އަނާމް އިބްރާހީމްގެ އިތުރުން ނޫރުއްނިޡާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަދުކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި 4 މީހުންނަކީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންކަމަށާއި މި ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް 2025 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ކުރިއަށްގެންދިޔަކަން ލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ. އެގޮތުން މި ނެޓްވޯރކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަޙުޤީޤަށް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ފާއިތުވި 05 އަހަރު ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މީގެ ތެރެއިން އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 (ސަތާރަ މިލިއަން އެއްލައްކަ ހަތްދިހަ ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ ބާރަ ލާރި) ދައުރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ، 430,638.99 (ހަތަރު ލައްކަ ތިރީސް ހާސް ހަ ސަތޭކަ ތިރީސް އަށް ރުފިޔާ ނުވަދިހަ ނުވަ ލާރި) ކަމަށެވެ.
އަދި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 (ތިރީސް އަށް މިލިއަން އަށް ލައްކަ ބާރަހާސް ހަސަތޭކަ ނުވަދިހަ ރުފިޔާ ފަސްދޮޅަސް ލާރި) ދައުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މި މުއްދަތުގެ ތެރޭގައި އަޙްމަދު އަނާމް އިބްރާހީމްގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ، 271،874.32 ( ދެ ލައްކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ ތިރީސް ދޭއް ލާރި)އެވެ.
މީގެއިތުރުން ޝައްފާޙް ލަޠީފުގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 (ހަ މިލިޔަން ނުވަލައްކަ ސޯޅަހާސް ހަތްސަތޭކަ ފަންސާސް ދެ ރުފިޔާ އަށްޑިހަ ތިން ލާރި) ވަނީ ދައުރު ކޮށްފައެވެ. މި މުއްދަތު ތެރޭގައި ޝައްފާޙް ލަޠީފުގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 (ތިންލައްކަ ހަތްދިހަ އެއްހާސް ހަ ސަތޭކަ ތިރީސް ފަސް ރުފިޔާ ތިރީސް ހަ ލާރި)ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ފާހަގަކުރެވުނުކަންވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.