ޚަބަރު

ހަމަލާތައް މެދުކަނޑާލައި، ހުރްމުޒް ހުޅުވައިފި


އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތައް ދެ ހަފްތާއަށް މެދުކަނޑައިލަން އެއްބަސްވެއްޖެއެވެ.

ފެބްރުއަރީ 28ގައި އީރާނާ ދެކޮޅަށް ފެށި ނިރުބަވެރު ޢުދުވާނު ވަނީ މުޅި މެދުއިރުމައްޗަށް ފެތުރިފައެވެ. އަދި އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވަނީ ޔަހޫދީންގެ މުޙިއްމު ބިނާތަކާއި ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ޙަމަލާތައް ދިނުމުގެ އިތުރުން މެދުއިރުމަތީގެ ތެޔޮ ދުނިޔެއަށް ސަޕްލައި ކުރުމަށް ބޭނުންކުރާ މައި މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅު ވެސް ބަންދުކޮށްފައެވެ.

ޙަމަލާތައް ހުއްޓައިލަން އެއްބަސްވުމަކަށް އައިސްފައިވަނީ، އީރާނަށް ދެމުންދާ ޢުދުވާނުތައް ވަރުގަދަކޮށް، މުޅި ޤައުމު އެކީގައި ސުންނާފަތިކޮށްލާނެކަމުގެ އިންޒާރާ އެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ސުންގަނޑި ހަމަވާން ކައިރިވެފައިވަނިކޮށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާގްޗީ ވަނީ، ކުރިއަށް އޮތް ދެ ހަފްތާއަށް ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އީރާނުން އެއްބަސްވެފައިވާކަމަށް އިޢުލާނުކުރައްވައިފައެވެ. އަދި އީރާނަށް ޙަމަލާ ނުދޭނެމަ އެ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޙަމަލާތައް މެދުކަނޑައިލަން އެމެރިކާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވުން ހިމެނޭއިރު، އެ މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުން، ރައްކާތެރިކަމާއެކު އުޅަނދުފަހަރަށް ދަތުރުކުރެވޭނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވައިފައެވެ.

ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އެކުލަވާލުމުގައި އިސް ދަޢުރެއް އަދާކޮށްފައިވަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވީ، ލުބްނާނު ވެސް ހިމެނޭ ގޮތަށް ހުރިހާ ސަރަޙައްދުތަކެއްގައި އަސްކަރީ ކުރިމަތިލުންތައް މެދުކަނޑައިލަން އެމެރިކާ އާއި ޔަހޫދީން އަދި އީރާނުން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ލުބްނާނު ނުހިމެނޭކަމަށް ބުނެ، ޔަހޫދީން ވަނީ ލުބްނާނަށް އިތުރު ޙަމަލާތަކެއް ދީފައެވެ.

ޝަޙްބާޒް ވިދާޅުވި ގޮތުގައި، ޙަމަލާތައް މެދުކަނޑައިލުމުގެ މި އެއްބަސްވުން ދާއިމީކޮށް، ހަނގުރާމަ ނިމުމަކަށް އައުމުގެ މަޝްވަރާތައް އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.