ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސްއާއި ޓެކްނޮލޮޖީއަށް ބަރޯސާވެ މިކަމަށް އިތުރަށް އިންވެސްޓްކުރުމަކީ، ޞިއްޙީ ދާއިރާގެ އަމާޒުކަމަށް ސިއްހީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޞިއްޙަތުގެ ދުވަހުގެ ގޮތުގައި، ވަކި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ޞިއްޙަތުގެ މުހިއްމުކަމާއި، ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ފަރުދީ، އާއިލީ އަދި މުޖްތަމަޢު އާއި ދައުލަތުގެ ފެންވަރުގައިވެސް މަސައްކަތް ކުރުމުގެ ޒިންމާއާއި މުހިއްމު ކަމުގެ އިޙުސާސު ކުރުމެއެވެ. އަދި ޞިއްޙަތަށް މުހިއްމު ނިންމުންތަކެއް ނިންމާ އަޒުމުތަކެއް ކަނޑައެޅުމަށް ވިސްނާ ފިކުރު ހިންގާލުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުންމެއެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހު ދެއްވި ޚާއްސަ ޚިޠާބުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތުގެ ދުވަހުގެ ޝިޢާރު ބިނާވެގެންވަނީވެސް ޞިއްޙަތަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ މައްޗަށްކަމަށެވެ.
އެގޮތުން ސައިންސްގެ އެހީގައި ޞިއްޙަތަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް ބާރުއަޅާ މި ޝިއާރުގެ ބޭނުމަކީ، ޞިއްޙީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީވެސް، ޒަމާނީ ސައިންސްއާއި، ސާބިތުހިފޭ ތަޙުލީލުތަކާ ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މަޢުލޫމާތާއި ތަޖްރިބާއަށް ބަރޯސާވެގެން ކުރާކަންކަމުގައި ހެދުންކަމަށް ވިދާޅުވިއެވެ.
"ބަލިތަކުން ދުރާލާ ރައްކާތެރިވުމަށް ކުރާ މަސައްކަތާއި، ބަލި ދެނެގަތުމަށަކުރާ ތަޙުލީލުތަކާއި ޓެސްޓް ތަކާއި، ބަލި ފެތުރޭ މިންވަރު ބެލުމަށާއި، ބަލިން ދިފާޢުވުމަށާއި، ބަލިވުމުން ބޭސްފަރުވާ ކުރުމުގައިވެސް، މި ދެންނެވި މޭރުމުން، މެޑިކަލް ސައިންސާއި، ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތަކުގެ އެހީގައި، އެމީހެއްގެ ނުވަތަ އަމާޒުކުރެވޭ ނުވަތަ ދިމާވެފައިވާ ޞިއްޙީ މައްސަލައަކާއި ނުވަތަ އެ ޤައުމެއްގެ ޙާލަތާއި އެންމެ ގުޅޭ ނިންމުންތައް ނިންމުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސްއާއި ޒަމާނީ ވަޞީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ އަދި ޒަމާނީ ތަޢުލީމާއި ތަމްރީނުން ޤާބިލުކަން ހޯދާފައިވާ ޚިދުމަތްތެރިން މަސައްކަތްކުރަމުން އަންނަ ހަރުދަނާ ޞިއްޙީ ނިޒާމެއްކަމަށެވެ. ރާއްޖޭގައި ބަލިތަކުން ދިފާޢުވުމާއި، ބައެއް ބަލިތައް އެއްކޮށް ނައްތާލުމާއި ބޭސްފަރުވާ ކުރުމުގައި ފަހުގެ ތާރީޚުގައި ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ ޙަޤީޤީ ސިއްރަކީ، މެޑިކަލް ސައިންސް އާއި ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް އިތުބާރުކޮށް އަހުލުވެރިވެ އެ އުޞޫލުން ޚިދުމަތްތައް އިންތިޒާމުކޮށްފައިވުންކަން ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ތަރައްޤީގެ ދުވެލި ހަލުއި، ވަށައިގެންވާ ދުނިޔޭގެ އެކިކަންކޮޅުގައި ހިނގާ ކަންކަމާއި ހޯދާ ކުރިއެރުންތަކާމެދު ލޯހުޅުވިފައިވާ، ސައިންސާއި ޓެކްނޮލޮޖީއަށް ރައްޓެހި، އަހުލުވެރި އަދި ސައިންސްގެ ފައިދާ ލިބިގަތުމުގެ ވިސްނުމާއި ޤާބިލުކަންހުރި ރައްޔިތެއް ދިރިއުޅެމުންދާތަނެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން ބަލާއިރު، ޞިއްޙީ ދާއިރާއަކީ، ސައިންސާއި ޓެކްނޮލޮޖީ އެންމެ ގިނައިން ބޭނުންކުރާ އަދި އޭގެ ސަބަބުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވަރަށްބޮޑަށް ތަރައްޤީ ވެފައިވާ ދާއިރާއެއްކަމަށާއި ޞިއްޙީ ފަރުވާއާއި ޚިދުމަތާއި ބަލިތަށް ދެނެގަތުމާއި ރައްކާތެރިވުމުގައި، ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން، ރާއްޖެއާއި މުޅި ދުނިޔެއަށްވެސް ސާބިތު ކޮށްދިން ކޮވިޑް-19 އަދި އެ ވަބާއިން ރާއްޖެ އަރައިގަތުމުގައި ޞިއްހީ ދާއިރާއިން ގެންގުޅުނު ސިޔާސަތު ހިމެނޭކަމަށެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ޞިއްޙީ ބައެއް ސިޔާސަތުތަކަށް ބަލާލިނަމަވެސް ފެނިގެން ދަނީ، ސައިންސްގެ އަލީގައިން ޞިއްހީ ޚިދުމަތާއި ފަރުވާ ބައްޓަން ކުރުމުގައި ދެވޭ އަހައްމިއްޔަތުކަންކަމަށެވެ.
"ޕްރައިމަރީ ހެލްތު ކެއަރ އާއި ޕްރިވެންޓިވް ކެއަރ، ދުންފަތުގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުން، ގައިންގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނެގަތުން، އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އިން އަރައިގަތުން، ޓީ.ބީ އާއި އެޗް.އައި.ވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިވުމަށް ބޭ ހާއި ވެކްސިން ދިނުން، ޞިއްޙީ ރެކޯރޑްތައް އެއްކުރުމާއި ބެލެހެއްޓުން، ޓެލެމެޑިސިން އާއި ޓެލެހެލްތު ފަދަ ހުރިހާ މަސައްކަތަކާއި އެކަންކަމާގުޅޭ ސިޔާސަތުތައް ބިނާވެގެންވަނީ ސާބިތުހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް." ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ހުރިހާ ޚިދުމަތެއްގައިވެސް، އެންމެ އިސްކަމެއްދެނީ، އެ ޚިދުމަތެއްގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ޚިދުމަތް ފަސޭހައިން ލިބޭނޭގޮތުގެ މައްޗަށްކަމަށެވެ. ޞިއްހީ ފަރުވާއާއި ޚިދުމަތަށް އަދި ޞިއްޙީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު، ދުވަހެއް ދުވަހަކަށްވުރެ ބޮޑުކުރުމަށް، އަދި ޞިއްޙީ ނިޒާމު ދުވަހެއް ދުވަހަކަށްވުރެ ތަރައްޤީ ކުރުމަށް ސަރުކާރުންދާނީ އަބަދުވެސް މަސައްކަތް ކުރަމުންކަމަށް ވިދާޅުވިއެވެ. މިގޮތުން، ކުރަންޖެހޭ ދިރާސާތަށްކުރުމާއި، އައު ޓެކްނޮލޮޖީ އާއި ވަޞީލަތްތައް ހޯދުމާއި، މީހުން ބިނާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާއި ކުރާ ހޭދަ މިދަނީ އިތުރުކުރަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތް ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް ސައިންސްއާއި ޓެކްނޮލޮޖީއަށް ބަރޯސާވެ މިކަމަށް އިތުރަށް އިންވެސްޓްކުރުމަކީ، ޞިއްޙީ ދާއިރާގެ އަމާޒުކަމަށް ސިއްހީ ވަޒީރު އަބްދުއްﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.