ޚަބަރު

މި އަހަރު ސްވިމިން އެސޯސިއޭޝަނަށް 97 މިލިޔަން ރުފިޔާގެ ބަޖެޓެއް


  • އެ އެސޯސިއޭޝަނުން ފާސްކޮށްފައި ވަނީ އަރަނި ބަޖެޓެއް

  • ޚަރަދުގެ ގޮތުގައި 96.6 މިލިއަން ރުފިޔާ ހިމަނާފައިވޭ

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެކުއަޓިކްސް މޯލްޑިވްސް) އިން މި އަހަރަށް 97 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އެ އެސޯސިއޭޝަނުން މި އަހަރަށް ކަނޑައެޅި ބަޖެޓު ފާސްކޮށްފައި ވަނީ، އާދިއްތަ ދުވަހުގެރޭ ބޭއްވި އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.

އެ އެސޯސިއޭޝަނުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 97،249،198 ރުފިޔާއެވެ. މި އަހަރު ޚަރަދުގެ ގޮތުގައި 96,603,468ރ ހިނގާނެކަމަށް އެ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. އެހެންކަމުން މި އަހަރަށް އެ އެސޯސިއޭޝަނުން ކަނޑައަޅާފައި މިވަނީ ، 645،730ރ ގެ އަރަނި ބަޖެޓެކެވެ.

ސްވިމިން އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ އެސޯސިއޭޝަނަށް މި އަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ލޯނުގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން ލޯނުގެ ގޮތުގައި މި އަހަރު 71,745,000ރ ލިބޭނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން، އެކިއެކި ފީގެ ގޮތުގައި 12,827,350ރ ލިބޭނެކަމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ސަރުކާރުން ލިބޭ ފައިސާގެ ގޮތުގައި 3,657,544ރ ހިމަނާފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 6,694,745ރ ލިބޭނެކަމަށް ވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މި އަޚަރަށް ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޚަރަދުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކެޕިޓަލް ޚަރަދުތަކެވެ. އެގޮތުން ކެޕިޓަލް ޚަރަދުތަކަށް 76,870,497ރ ހޭދަވާނެކަމަށް ބަޖެޓުގައި ބުނެފައިވެއެވެ. އަދި ރިކަރެންޓް ޚަރަދުގެ ގޮތުގައި 19,732,971ރ ހިނގާނެކަމަށް ވެސް ބަޖެޓުގައި ވެއެވެ.

ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާނެކަމަށް ބަޖެޓުގައި ހިމަނާފައިވަނީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށެވެ. އެގޮތުން އެފަދަ ކަންކަމަށް 76,802,497ރ ހޭދަވާނެކަމަށް ބަޖެޓުގައި ވެއެވެ.

ރިކަރެންޓް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައި ވަނީ އެކުއަޓިކް ސެންޓަރ ބެލެހެއްޓުމުގެ ޚަރަދަށެވެ. އެކަމަށް 9,101,436ރ ޚަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.