ރާއްޖޭގައި ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރުމުގެ ފުރަތަމަ މަޝްރޫޢު "ޕްރޮޖެކްޓް އައިލާ"ގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
އެކުންފުނިން ވިދާޅުވީ، ބިން ހިއްކުމާއި ފަރުމާކުރުމުގެ ހުރިހާ މަސައްކަތެއް ނިމި، އިމާރާތްތަކާއި އިންފްރާސްޓްރަކްޗަރތައް ބިނާކުރުމުގެ މަރުހަލާތައް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 2024ވަަނަ އަހަރުގެ އެޕްރީލް މަހުއެވެ. އަދި މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށްވަނީ ނިންމާލާފައެވެ. ގާތްގަނޑަކަށް 6 މިލިޔަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން ހިއްކި މި ބިމުގެ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށްޓަކައި ތޮށިލުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ.
މީގެ އިތުރުން، މި މަޝްރޫޢަށް ބޭނުންވާ އިދާރީ ހުއްދަތަކާއި އިންވެސްޓްމަންޓް އެގްރީމަންޓްތައް 2025 ވަނަ އަހަރުގެ ނިޔަލަށް ފުރިހަމަކޮށް، ބައިނަލްއަޤުވާމީ މާހިރުންގެ އެހީތެރިކަމާއެކު މާސްޓަރ ޕްލޭނާއި އިންޖިނިއަރިންގ ފަރުމާތައްވެސް ވަނީ އެއްކޮށް ނިންމާފައެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި މުވައްޒަފުން ދިރިއުޅޭ އަވަށަށް ބޭނުންވާ ވަސީލަތްތައް ބިނާކުރުމާއި، ރަށުގެ އަސާސީ އިންފްރާސްޓްރަކްޗަރާއި މަގުތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.
އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވީ، ބައިނަލްއަޤުވާމީ ކޮންސަލްޓަންޓުންގެ އިރުޝާދުގެ ދަށުން، އަމަލީ ގޮތުން އިމާރާތްތައް ބިނާކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ލޭންޑްސްކޭޕިންގ މަސައްކަތްތައްވެސް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މިއީ އިއާދަކުރަނިވި ހަކަތައާއި ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން، އަމިއްލަ ފުދުންތެރިކަން ހުރި ވަސީލަތްތަކާއެކު ތަރައްޤީކުރާ ދެމެހެއްޓެނިވި ސިޓީއެއްގެ މުހިންމު ބިންގަލެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ފެށުމަށް ރޭވިފައިވާ ކަމަށްވެސް އިންވެސްޓް މޯލްޑިވްސްއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހަދާ ލަގްޒަރީ ރެޒިޑެންޝަލް ވިލާތަކާއި، މެޑި-އިވެކް ވަސީލަތްތަކާއެކު ގާއިމުކުރާ އެންމެ ޒަމާނީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ހިމެނެއެވެ. އަދި 'ގްލޯބަލް ސްކޫލް އޮފް ހޮސްޕިޓާލިޓީ އެންޑް ލީޑަރޝިޕް' ގެ ނަމުގައި ތައުލީމީ މަރުކަޒަކާއި، އަލްޓްރާ ލަގްޒަރީ ރިސޯޓަކާއި މެރީނާއެއްވެސް ބިނާކުރެވޭނެއެވެ.
ރާއްޖޭގެ ކާނާގެ ރައްކާތެރިކަމަށްޓަކައި 17 ހެކްޓަރުގެ ސަރަހައްދެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އިންޓަގްރޭޓެޑް ނިޒާމެއް ގާއިމުކުރެވޭއިރު، މި މުޅި ސިޓީ ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ އުފައްދާނީ އިއާދަކުރަނިވި ވަސީލަތްތަކުންނެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް މި މުޅި މަޝްރޫޢު ނިންމައި އޮޕަރޭޝަނަށް ގެނައުމެވެ.