ޚަބަރު

އެފްޑީސީ ފްލެޓުތަކުގައި ކެމެރާހަރުކޮށް ކުނި ބެލެހެއްޓުން ހަރުދަނާކުރަނީ


  • މިނިޒާމުގެ އެހީގައި ޓަވަރުތަކުން ކުނި އުކާލާ ގޮތް މޮނިޓަރކުރާނެ

  • އެތަންތަން ސާފުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ތަރައްޤީ ކުރަމުންދާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެފްޑީސީއިން ވިދާޅުވެއްޖެއެވެ.

މި ނިޒާމުގެ އެހީގައި ޓަވަރުތަކުން ކުނި އުކާލާ ގޮތް މޮނިޓަރކޮށް، އެފްޑީސީގެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

އެފްޑީސީއިން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިމިވަނީ، ފްލެޓުތަކުގެ އާންމު ސަރަހައްދަށް އަޅާފައިވާ ކުނި ނައްތާލުމަށް ބޮޑު ޚަރަދެއް ކުރަން ޖެހިފައިވަނިކޮށެވެ. އެގޮތުން މި އޮގަސްޓްމަހުގެ ކުރީކޮޅު އެ ކުންފުނިން ހާމަކުރި ގޮތުގައި ފްލެޓްތަކުގެ އާއްމު ސަރަހައްދަށް އަޅާފައިވާ ކުނި ނެގުމަށް 13.4 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހުނެވެ.

މީގެއިތުރުން އަމާން ޓަވަރު ސަރަހައްދު ސާފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 670 ޓަނުގެ ކުނި ނަގާފައިވާ ކަމަށް އެފްޑީސީން މައުލޫމާތުދެއްވައެވެ. ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކުނި އުކާލުމުން އެ ސަރަހައްދު ގޮނޑުވެ، އާއްމުންނަށް އެތައް ތަކުލީފަކާއި ކުރިމަތިލާން ޖެހެއެވެ. އަދި އެތަންތަން ސާފުކުރަން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.