އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ޗެލްސީ އިން ހޯދައިފި އެވެ.
ޗެލްސީ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ރޭ ލީގު ވަންގެ ފުލުގައި މިވަގުތު އޮތް ޕޯޓްވޭލް އާއި ދެކޮޅަށް ކުޅުނު މެޗު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ ޗެލްސީގެ ކޯޗު ލިއާމް ރޮޒޭނިއާއަށް ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒުވެފައިވަނިކޮށް ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ މިޑްފީލްޑަރ އެންޒޯ ފެނާންޑޭޒް ރެއާލް މެޑްރިޑާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާ ދެ މެޗަށް ކްލަބުން ވަނީ ސަސްޕެންޑްކޮށް އަދަބު ދީފަ އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުގެ ދެވަނަ މިނިޓުގައި ޖޮރެލް ހަޓޯ ވަނީ ލަނޑެއް ޖަހާ ޗެލްސީއަށް ކުރި ހޯދަދީފަ އެވެ.
އަދި މެޗުގެ 25 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައިވަނިކޮށް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕޯޓްވޭލްގެ ލޯރެންސް ގެބްރިއަލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 3-0 އަށް ބަދަލުވެފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓޫގައި ޓޮސިން އަޑަރަބިއޯޔޯ އިތުރު ލަނޑެއް ޖަހާފައިވާއިރު އޭގެ 12 މިނިޓު ފަހުން އެންޑްރޭ ސަންޓޯސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
ޗެލްސީ އިން މި މެޗުގައި ޖެހި ހަވަނަ ލަނޑަކީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި އެސްޓެވާއޯ ވިލިއަމް މެޗުގެ 82 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިފައިވާ ލަނޑެކެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގައި ޗެލްސީ އަށް ލިބުނު ޕެނަލްޓީ އަކުން އަލެހަންދްރޯ ގަރްނާޗޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްފަ އެވެ.