ޚަބަރު

ހުރިހާ މަރުކަޒެއްގައި ވޯޓުލުން ވަނީ ފެށިފައި: އިލެކްޝަންސް ކޮމިޝަން


  • ބައެއް މަރުކަޒުތަކުގައި އާންމުންގެ ދެމީހުން ހާޒިރުނުވުގެ ސަބަބުން ވޯޓުލުން ފެށުން ލަސްވި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ޤާއިމުކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓުލުން ވަނީ ފެށިފައިކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހެނދުނު 8 ޖެހިއިރު ބައެއް މަރުކަޒުތަކުގައި އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވުގެ ސަބަބުން ވޯޓުލުމުގެ މަސައްކަތް ނުފެށިފައިވާކަން އިލެކްޝަން ކޮމިޝަނުން ފާހަގަކޮށްފައިވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައި ވޯޓުލުމުގެ މަސައްކަތް ފެށިފައިވާކަމަށް އީސީން ވިދާޅުވިއެވެ.

ރައްޔިތުންގެ ނިންމުން 2026 ކަވަރޭޖުގައި ވާހަކަދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަބްދުރަހުމާން ސަލާހު ރަޝީދު ވިދާޅުވީ ފަތިހު 5:00އިން ފެށިގެން ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިހާތަނައް 10 ޝަކުވާ އައިސްފާއިވާކަމަށް ފާހަގަކުރެއްވިއެވެ. ޝަކުވާގެ ގޮތުގައި އައިސްފައިވަނީ ކެމްޕެއިން ކުރުން މަނާ ގަނޑިތަކުގައި ކެމްޕެއިންކޮށްގެން އައިސްފައިވާ ޝަކުވާއާއި 3ކަމަކަށް ވޯޓުލާއިރު އެ ވޯޓު ފޮއްޓަކަށް ލަންޖެހޭ ކަރުދާން ނޫން އެހެން ކަރުދާހެއް ލެވިއްޖެނަމަ ވޯޓު ބާތިލްވެދާނެކަމަށް އައިސްފައިވާކަމަށެވެ.

ރައީސް އަބްދުރަހުމާން ސަލާހު ރަޝީދު ވިދާޅުވީ އިއުލާންކޮށްފައިވާ ގޮތައް ހެނދުނު 8:00 އިން ހަވީރު 16:00އާއިހަމައަށް ވޯޓުލުން ކުރިއަށްދާނެކަަމަށެވެ.

"ވޯޓުލުމުގެ ނިޒާމު އޮންނަ ގޮތުން 4 ޖެހުމާއެކު ކިއު ބަންދު ކުރާނެ. ކިއު ބަންދު ކުރާއިރު އެ މަރުކަޒެއްގައި އެވަގުތަކު ވޯޓުލުމަށް ކިއުގަތިބި މީހުން ނިންމުމަށްފަހު ފޮށި ބަންދުކުރާނެ. އެއައްފަހު 30 މިނިޓްގެ ބްރޭކްއެއް ދިނުމަށްފަހު ވޯޓު ގުނުގެ މަސައްކަތް ފަށާނެ" ރައީސް އަބްދުރަހުމާން ސަލާހު ރަޝީދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަބްދުރަހުމާން ސަލާހު ރަޝީދު ވިދާޅުވީ މިއަދު 3 ވޯޓެއް ކުރިއަށްދާއިރު 3 ކަމަކަށް ވޯޓު ކަރުދާން ކޮންމެ މީހަކަށްވެސް ދޫކުރާނެކަމަށެވެ. އަދި އިލެކްޝަންގެ އެވެސް އޮފިޝަލަކު ވަކި ގޮތަކަށް ވޯޓުލާން ވޯޓު ކަރުދާސް ބޭނުންތޯ ނުވަތަ ނޫންތޯ ނާހާނެކަމަށެވެ.

މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާނީ 678 މީހުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 678 މީހުންނެވެ. އެހެންވެ ދެ އިންތިހާބުގައި ޖުމްލަ 1،356 މީހަކު އިންތިހާބުކުރާނެއެވެ.