ޚަބަރު

އުތީމުގައި ޤުރްއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި


  • ޙިފްޒު ކުލާސްތަކަށް ދަރިވަރުން ނެގުމަށް ވަނީ އިއުލާންކޮށްފައި

  • އެޕްލައިކުރާ ބައިވެރިންނާއި އިންޓަވިއުކޮށް، ޤުރްއާން ކިޔަވަން އެނގޭ މިންވަރު ވަޒަންކުރާނެ

ހއ. އުތީމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރ ހުޅުވުމަށް އުތީމުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި މި ސެންޓަރ ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލްޣަފޫރު އަޙްމަދެވެ.

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުން ވިދާޅުވީ ހއ. އުތީމު އައުޓްރީޗު ސެންޓަރުގައި، އެ މަރުކަޒުގެ ހުރިހާ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ ތެރޭގައި އެންމެ ޚާއްސަ ޕްރޮގްރާމަކީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ކުލާސްތައްކަމަށް ވިދާޅުވިއެވެ. މި ކުލާސްތަކުގައި އުމުރުން 7 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރި ވެވޭނެކަމަށާއި މީގެ އިތުރުން، ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 އިން ފެށިގެން 4 އާ ހަމައަށް ކުރިޔަށް ގެންދެވޭނެކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ.

ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ވިދާޅުވީ މިހާރު މި ސެންޓަރުގެ ޙިފްޒު ކުލާސްތަކަށް ދަރިވަރުން ނެގުމަށް ވަނީ އިއުލާންކުރެވިފައިކަމަށެވެ. 12 އޭޕްރީލްގެ ނިޔަލަށް، މަރުކަޒުގެ ކޯސްތަކަށް އެޕްލައިކުރާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެކަމަށާއި އެޕްލައިކުރާ ބައިވެރިންނާއި އިންޓަވިއުކޮށް، ޤުރްއާން ކިޔަވަން އެނގޭ މިންވަރު ވަޒަންކުރުމަށްފަހު މި ކްލާހަށް ދަރިވަރުންނަށް ފުރުސަތު ދެވޭނެކަމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ވިދާޅުވިއެވެ.