ޚަބަރު

ގާނާ އަތުން ޖަރުމަން މޮޅުވެއްޖެ


އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ގާނާ އާއި ދެކޮޅަށް ޖަރުމަން ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޖަރުމަން ކާމިޔާބުކޮށްފި އެވެ.

ޖަރުމަނުގެ ޝްޓުޓްގަރޓްގެ އެމްއެޗްޕީ އެރީނާގައި ފަންސާސް ހަތަރު ހާސް މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޖަރުމަނުން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ މި މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ހަތަރު ފަހަރު މަތިން އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ގާނާ, މިދިޔަ އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިވެފައެއް ނުވެއެވެ.

2014 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިންޖަރީ ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކައި ހަވަރޓްޒް އެވެ.

މި މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޖަރުމަނުގެ ކޯޗު ހޫލިއަން ނަގެލްސްމަން ވަނީ ޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އާއި ޑެނިސް އުންޑާވްގެ އިތުރުން ކާލް ވަނީ ކުޅެން އަރުވާފަ އެވެ.

ގާނާ އިން މި މެޗުގެ 70 ވަނަ މިނިޓުގައި ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލެސްޓަރ ސިޓީ އަށް ކުޅެމުންދާ އަބްދުލް ފަތާވޫ އެވެ.

ޖަރުމަނުން މި މެޗުގައި ދެވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ލެރޯއި ސާނޭ ދިން ޕާހަކުން ޑެނިސް އުންޑާވް އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންދާ ޖަރުމަނުގެ ޝްޓުޓްގަރޓް އަށް ކުޅެމުންދާ ޑެނިސް އުންޑާޒް ވަނީ ބުންޑެސްލީގާގައި މި ސީޒަނުގައި 18 ލަނޑު ޖަހާފަ އެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހަށްފަހު އޭނާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފައިވާ ޖަރުމަން މި މެޗުން މޮޅުވެފައިވާއިރު އެ ޓީމުން ވަނީ މިދިޔަ ހުކުރު ދުވަހު ސްވިޒަލޭންޑް އާއި ދެކޮޅަށް ކުޅުނު މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.