ޚަބަރު

ދެވަނަ ފިހަޔަވަހީގައި އިމާރާތްކުރާ 1190 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިފި


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ބީޔޫސީޖީއާ

  • އެފޯޑަބަލް ހައުސިންގެ ދަށުން 3260 ހައުސިން ޔުނިޓް އިމާރާތްކުރާނެ

ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ފަރާތުން އިމާރަތްކުރާ 1190 ޔުނިޓްގެ ބިންގާއަޅައި މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި
ބީއެމްއެލްގެ ޗެއާޕަރސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި ބީޔޫސީޖީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މިއަދަދަށް މިހާ އަވަސްމިނެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން އަގުހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާފައެއް ނުވާ ކަމަށާއި މީގެ ކުރިން މިފަދަ މަސައްކަތްތައް ނިންމުމަށް ދިގު މުއްދަތެއް ހޭދަވެފައިވާ ކަމަށެވެ. އެހެންނަމަވެސް މި މަޝްރޫއުގެ 2028 ގެ މެދުތެރޭގައި ނިންމޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މަސައްކަތުގެ މި ބާރު މިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި، އަދި އަޅުގަނޑުމެންނަށްވެސް އުއްމީދާއި އުފަލާއި ހިތްހަމަޖެހުން ގެނުވާނެކަމެއް. މީގެ އިތުރުން މި ބިޔަ މަޝްރޫޢުގެ އަނެއް ކާމިޔާބީއަކަށް މިވަނީ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ރައްކާތެރި، އެކަށީގެންވާ އަދި އަތްފޯރާފަށުގައި ދިރިއުޅޭނެ ތަނެއް ހޯދައިދެވޭތީ." ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިންގ ނިޒާމާ އޮންނަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފަ ކަމަށާއި ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުމުގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށެވެ.

ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭ މިވަނީ 1,706 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާފައެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1,190 ހައުސިންގ ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ ބިންގާ މި ވަނީ އަޅާފައެވެ.

ބީޔޫސީޖީ އަކީ ބައިނަލްއަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީކުރުން ފަދަ ބޮޑެތި، ހަރުދަނާ މަޝްރޫޢުތަކުން އެ ކުންފުނީގެ ގާބިލުކަން ވަނީ ސާބިތުކޮށްދީފައެވެ.