ޢީދު ބައިބަލާ ޗެލެންޖު 1447ގެ ފައިނަލްގެ ޖާގަތައް ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުން ޔަގީންކޮށްފިއެވެ.
ޢީދު ބައިބަލާ ޗެލެންޖުގެ ފައިނަލުން ޒެޕޯ ޖާގަ ހޯދީ ރޭ ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލް މެޗާއި ސެމީ ފައިނަލް މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ރޭ ކުޅެވުނު ކުއާޓަރ ފައިނަލް މެޗު ޒެޕޯ ކާމިޔާބުކުރީ ކްލަބް ކާސިންޖީ އާއި ވާދަކޮށް ފުރަތަމަ 2 ގޭމް އެއްވަރުވުމުން ގަދަ ހިފުމުން ކުރި ހޯދައިގެންނެވެ.
ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ޒެޕޯ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ.
ސެމީފައިނަލް މެޗުގައި ޒެޕޯ ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއެވެ. މިމެޗުވެސް ޒެޕޯ ކާމިޔާބުކުރީ ގަދަހިފުމުންނެވެ. މެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން އޮޑި ކާމިޔާބުކުރީ 9-4 އިންނެވެ. ދެވަނަ ގޭމްގެ ސްކޯ ޒެޕޯ ކޮޅަށް އަނބުރާލީ މެޗު ނިމެން 14 ސިކުންތައް ވެފައިވަނިކޮށް މުހައްމަދު ނައްވާފު (މާކީ) ބޭރު ކޮށްދިން ކުޅުންތެރިއާއެކު 7-5 އަކުންނެވެ.
ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ޒެޕޯ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ. އެހެންނަމަވެސް ގަދަ ހިފުމުގައި ވަރަށް ނުފެންނަ މަންޒަރެއް މި މެޗުން ފެނިގެންދިޔައެވެ. އެއީ 2 ޓީމުންވެސް ގަދަ ހިފުމުގައި އެތެރެ ގޭމް ކާމިޔާބުކުރުމެވެ.
ބައިބަލާގެ އެންމެ ކާމިޔާބު ޓީމު ބީޖީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗު 2 ގޭމުން ކާމިޔާބުކޮށް ސެމީ ފައިނަލް މެޗުގައި މިފަހަރުގެ މުބާރާތައް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމުގައިވާ ދަ ވުލްވްސް ސްޕޯޓްސް ކްލަބް ގަދަ ހިފުމުގައި ބަލިކޮށްގެންނެވެ.
ކުއާޓަރ ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ބައްދަލުކުރި ކްލަބް ޒެފްރޯލް އާއެވެ. މިމެޗުގެ ފުރަތަމަ ގޭމް ބޭރުން އަރާ ބީޖީ ކާމިޔާބުކުރީ 8-7 އިންނެވެ. އަދި އެތެރެ ގޭމް ބީޖީ ނެގީ 17-4 އިންނެވެ.
ސެމީފައިނަލް މެޗުގެ ފުރަތަމަ ގޭމް ބޭރުން އަރާ ކާމިޔާބުކުރީ ދަ ވުލްވްސް އެވެ. އެއީ 8-9 އިންނެވެ. ދެވަނަ ގޭމް ބޭރުން އަރާ ބީޖީ އިން އަނބުރާލީ 8-7 އިންނެވެ. ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ބީޖީ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ.
ޢީދު ބައިބަލާ ޗެލެންޖު 1447ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. ފައިނަލް މެޗާއި ނިންމުމުގެ ރަސްމިއްޔާތުވެސް ޕީއެސްއެމްގެ ޔެސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.