ކުޅިވަރު

ޓޮޓެންހަމް ސަލާމަތް ކޮށްދެވޭނީ ކާކަށް؟ ޑިޒާބީގެ ޝައުގުވެރިކަން ކުޑަ!


އެންމެ 44 ދުވަސް ފަހުން ކޯޗު ކަމުން އީގޫ ޓޫޑޯ ވަކިކޮށް ޓޮޓެންހަމުގެ ކޯޗަކަށް ރޮބާޓޯ ޑިޒާބީ ގެނައުމަށް މަސައްކަތް ފަށައިފި އެވެ.

ނަމަވެސް ސުވާލަކީ މިވަގުތު ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ކުލަބު ސަލާމަތްކޮށްދެވޭނީ ކާކަށް ހެއްޔެވެ؟ ހުސްވި ސީޒަނުން ފެށިގެން ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ކުލަބާ ހަވާލުވުމަށް ކޯޗު ޑިޒާބީ ވެސް އެހާ ބޮޑު ޝައުގުވެރިކަމެއް ނުނެންގުޅެ އެވެ. އޭނާ އެންމެ ފަހުން ހުރީ ފްރާންސްގެ މާސޭގެ ކޯޗުކަމުގަ އެވެ. މިވަގުތު ހުސްކޮށް ހުރި ނަމަވެސް އޭނާ ބޮޑަށް އިސްކަން ދެނީ މި ސީޒަން ނިމުމުން ކުލަބަކާ ހަވާލުވާށެވެ. ސަބަބަކީ ޓޮޓެންހަމް އަންނަ ސީޒަނުގެ ޕްރެމިއާ ލީގު ކުޅޭނެތޯ ކަށަވަރު ކުރަން އޭނާ ބޭނުންވެ އެވެ. އެކަމަކު ކުލަބުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކޯޗަށް ޑިޒާބީ ހަމަޖެއްސުމަށެވެ.

އެކަމަކު ޓޮޓެންހަމުން ކޯޗުކަމާ ހަވާލުވުމަށް މިވަގުތު ގިނަ ކޯޗުން ދަނީ ފަސްޖެހެމުންނެވެ. ސަބަބަކީ މާ އަވަސް އަވަހަށް އެ ކުލަބުން ކޯޗުން ބަދަލު ކުރުމެވެ. މިވަގުތު ކޯޗުގެ މަގާމު ހުސްކޮށް އޮތީ އެ މަގާމުގައި ހުރި އީގޯ ޓޫޑޯ ރޭ މަގާމުން ވަކި ކުރުމުންނެވެ. އޭނާ ވަކިކުރީ އެންމެ 44 ދުވަސް ފަހުންނެވެ. ޕްރެމިއާ ލީގުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއީ ކުލަބަކުން ހަތަރު ވަނަ އަށް އެންމެ އަވަހަށް ކޯޗަކު ބަދަލުކުރި ފަހަރެވެ.

އަދި ފާއިތުވެދިޔަ 295 ދުވަހުގެ ތެރޭގައި އެ ކުލަބުން ވަނީ ހަތަރު ކޯޗަކުން މަގާމުން ވަކިކޮށްފަ އެވެ. މިއީ ޑިޒާބީ ވެސް ޓޮޓެންހަމާ އެހާ ގަޔާނުވާ ސަބަބަކަށްވާއިރު އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަން ލިބިދާނެ ކަމަށް ވެސް އޭނާ އުއްމީދު ކުރެ އެވެ. ސަބަބަކީ އެ ކުލަބުން އަދިވެސް ދާއިމީ ކޯޗަކު ހަމަޖައްސާފައި ނުވުމާއި އޭނާ އަކީ ޔުނައިޓެޑްގެ ޝޯޓް ލިސްޓުގައިވާ ކޯޗެއް ކަމަށް ބުނަމުންދާތީ އެވެ.

ޓޮޓެންހަމް މިވަގުތު އޮތީ އިނގިރޭސި ލީގުގެ 17 ވަނާގަ އެވެ. ލިބިފައިވަނީ 30 ޕޮއިންޓެވެ. ސީޒަން ނިމޭއިރު ޓޭބަލުގެ އެންމެ ފުލަށްދާ ތިން ޓީމު ރެލިގޭޓްވާއިރު ފަހަތުގައި އޮތް ތިން ޓީމަކީ ވެސްޓްހަމް އާއި ބާންލޭ އައި ވުލްސް އެވެ. މީގެ ތެރެއިން ވެސްޓްހަމް ވަނީ މިހާތަނަށް 29 ޕޮއިންޓް ހަމަކޮށްފަ އެވެ. ރެލިގޭޝަނުން ސަލާމަތްވުމަށް ވެސްޓްހަމް، ޓޮޓެންހަމް އަދި ޕޮރެސްޓާއި ލީޑްސް ވާދަ ކުރަމުންދަނީ ވަރަށް ހަމަހަމަކޮށެވެ.