ގެއްލިގެންދާ ކޮންމެ ވަގުތަކީ ޙާލުގައި އުޅޭ އާޢިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިގެންދާކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިހަޔަވަހީގައި 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ ކޮންމެ އިންސާނަކަށްވެސް ބޯހިޔާވަހިކަމަކީ އަސާސީ ޙައްގެއްކަން ފާހަގަކުރައްވާ އެކަމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަމިއްލަ ބޯހިޔާވަހިކަމެއް ލިބޭނެކަމުގެ އުއްމީދު ނެތް ޒުވާން އާޢިލާއަކަށް އެމީހުންގެ މުސްތަޤުބަލު ޕްލޭން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ވަޒީރު ފާހަގަކުރައްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް މި ސިޔާސަތުގެ ދަށުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާޢިލާތަކަށް އިސްކަންދޭކަން ވަޒީރު ވިދާޅުވިއެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އާޢިލާތަކަށް ފާގަތި މުސްތަޤުބަލެއް ބިނާކުރުމަށް ފުރުޞަތު ހޯދައިދީ ރައްކާތެރިކަން ފޯރުކޯށްދިނުންކަމަށާއި ބީއެމްއެލްއިން އިސްނަގައިގެން ސަރުކާރާ ގުޅިގެން ހިންގާ މި މަޝްރޫޢުއަކީ ޤައުމީ ބޭންކުގެ ހައިސިއްޔަތުން ޤައުމަށް ކޮށްދޭ ނުހަނު ބޮޑު ޚިދުމަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރެއް އިންތިޚާބު ކުރެވެނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި. ސިޔާސީ ހުރަސްތައް ކުރިމަތިވެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ވަގުތު ބޭކާރުވެގެންދާކަށް ނޫން. ސިޔާސީ ނަފްރަތުގައި ސަރުކާރާއި މަޖިލިސް ޖެހި އެއްވެސް ކަމެއް ނުވެ އޮވެ ދައުރު ނިމިގެންދާކަށެއްވެސް ނޫން. ޤާނޫނު އަސާސީއާއި ޤާނޫނުގައި ހުރި ސްޓްރަކްޗަރަލް ދަތިކަމާ ހެދި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ މަޝްރޫޢުތައް ހިންގަން އޮތް ވަގުތު ބޭކާރުވެގެން ދާކަަށެއްވެސް ނޫން." އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ރައްޔިތުން ސަރުކާރުގައި އެދެނީ ރައްޔިތުން އެދޭ ކަންތައްތައް ކޮށްދިނުންކަން ފާހަގަކުރައްވާ ވަޒީރު ވަނީ ފްލެޓާއި ފެނާ ނަރުދަމާގެ އިތުރުން ބަނދަރު ފަދަ ތަންތަން ހެދުމަށް ރައްޔިތުން އެދޭކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނިންމުމަކީ އިދާރީ ކަމެއް ނޫންކަމަށެވެ. އެއީ ރައްޔިތުންގް އަޣުލަބިއްޔަތުން 5 އަހަރު ދުވަހުގެ މުއްދަތަކަށް ހޮވާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ރަނގަޅަށް ނުފެށެނީސް އުމުރު ހަމަވާ މަޖިލީހަކުން ނިންމާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ވަގުތު ބޭކާރު ވިޔަނުދިނުމަށް ނިންމަންޖެހޭ ކަމެއްކަމަށެވެ.
"މިސަރުކާރުގެ ފުރަތަމަ އަހަރު ކުރަން ބޭނުންވި އެތައްކަމެއް ނުކުރެވުނީ ނިމިދިޔަ މަޖިލީހުން ސަރުކާރުގެ އެޖެންޑާއަށް ނުބަލާ ފާސްކުރި ބަޖެޓެއްގެ ސަބަބުން . މިސަރުކާރުގެ ފުރަތަމަ އަހަރު ވެރިކަން ކުރަން ޖެހުނީ ކުރީ ސަރުކަރުން ހެދި ބަޖެޓަކަށް. ސަރުކާރު ވެރިކަމާ ހަވާލުވިއިރު އުމުރު ހަމަވާން 6 މަހަށް ވެފައި އޮތް މަޖިލީހަކުން ފާސްކޮށްފައިވާ ބަޖެޓަކުން. އެ ބަޖެޓް ތައްޔާރުކޮށްފައިވަނީ ރައްޔިތުން ހޮވި ސަރުކާރުގެ އެޖެންޑާއަކަށް ބެލުމެއްނެތި. ނަތީޖާއަކީ ކަންކަމާ ޚިދުމަތައްތައް ލަސްވެ ބުރު އެރުން." އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގެއްލިގެންދާ ކޮންމެ ވަގުތަކީ ބޯހިޔާވަހިކަމެއް ނެތި ޙާލުގައި އުޅޭ އާޢިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސް އެޅިގެންދާކަމެއްކަމަށާއު ޚިދުމަތް ރަނގަޅުވުމަށް އެދޭ ރައްޔިތުމީހާއާ ލިބިގެންދާ ނުތަނަވަސްކަމެއްކަމަށެވެ. އަދި ބަދަލަކަށް އެދިއެދި ތިބި ރައްޔިންގެ އުންމީދުތަކަށް އެޅޭ ހުރަހެެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިރޭ ބިންގާ އެޅި މަޝްރޫޢޫއަކީ ފޯކަސްކޮށްގެން މަސައްކަތް ކުރުމުން ސަރުކާރަށް ނަތީޖާ ނެރެވޭނެ ކަމުގެ މިސާލެއްކަމަށެވެ. އަދި އިދާރާތައް ގުޅި ރައްޔިތުންނަށް ޚިދުމަތް ކުރުމަަށް މަސައްކަތް ކުރުމުގެ ނަތީޖާކަމަށެވެ. ވަޒީރު ވިދާޅުވީ ޤައުމުގެ މާލީ ހާލަތުގައި ހުރި ދަތިކަމާއެކުވެސް ރައްޔިތުންނާ ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރުމުން ނަތީޖާ ނެރެވޭނެކަމުގެ މިސާލެއްކަމަށެވެ. ވަޒީރު ވަނީ ރައީސްގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ރައްޔިތުންގެ ދިިރއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މިފަދަ އެތައް ކަމެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.